ސިނަމާލެ ބްރިޖު މަތިން ރޭ ދަންވަރު ކަނޑަށް ފުންމާލި ބިދޭސީ ފިރިހެނަކު، އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުން ކުރި މަސައްކަތުން ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ބުނީ، ސިނަމާލެ ބްރިޖު މަތިން މީހަކު ކަނޑަށް ފުންމާލި ކަމުގެ މައުލޫމާތު ކޯސްޓުގާޑަށް ލިބުނީ ރޭ ދަންވަރު 12:44 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް ވަގުތުން އެ ސަރަހައްދަށް ގޮސް އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

ކަނޑުމަތިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ޑައިވަރުން ވަނީ އޭނާ ސަލާމަތްކޮށްގެން ކޯސްޓުގާޑުގެ އުޅަނދަށް ނަގާފައެވެ.

ކަނޑުން ނެގުމަށްފަހު، އެ މީހާ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ. ކޯސްޓުގާޑުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކަނޑަށް ފުންމާލި ބިދޭސީ މީހާގެ ހާލު މާ ބޮޑަށް ދެރަކަމަކަށް ނުފެނެއެވެ.

އެ މީހާ ބްރިޖު މަތިން ކަނޑަށް ފުންމާލަން މެދުވެރިވި ސަބަބެއް އަދި އޭނާއާ ބެހޭ އެއްވެސް އިތުރު ތަފުސީލެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.