އެތެރެކުރާ ކަރުދާސް ހޮޅީގެ ފެންވަރު ބެލޭނެ ނިޒާމެއް ނެތް ކަމަށާއި، އެންމެ ފެންވަރު ރަނގަޅު ހޮޅި އެތެރެކޮށް އެ ބޭނުންކުރަން މަޖުބޫރުކޮށްފިނަމަ އޭގެ އަސަރު ކެފޭ ރެސްޓޯރަންޓުތަކުން ލިބޭ ސައި ބިލަށް ކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ރަނގަޅު އިތުރު ގޮތެއް ނުދައްކައި ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަމުން ނެރެން ބޭނުންވާ ހަގީގީ ހައްލު ނުލިބޭނެ ކަމަށެވެ.

ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުމާއި އުފެއްދުން އަދި ބާޒާރަށް ނެރުން 2021 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ދާދި ފަހުން ވަނީ އެ އުސޫލު ބަދަލުކޮށް، ޕްލާސްޓިކް ހޮޅި މަނާކުރާ ތާރީހު 2031 އަށް ފަސްކޮށްފައެވެ. މި ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކަމެއް މަނާކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅަކަށް ނުވި ނަމަވެސް، އިތުރު ރަނގަޅު ގޮތެއް ނުދައްކައި މުޅި އެތި މަނާކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބޭނުންކުރަން ފެށި ކަރުދާސް ހޮޅިއާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކަރުދާސް ހޮޅި އާއި ކާނާގެ ރައްކާތެރިކަމާ ވެސް ގުޅުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ކަރުދާހާއި ތެރަހުގައި ސިއްހަތާ ގުޅުން ހުރި ވަކި ކަހަލަ މާއްދާތަކެއް އެކުލެވިގެންވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކި ކެފޭތަކުންނާއި ރެސްޓޯރަންޓުތަކުން ބޭނުންކުރާ ކަރުދާސް ހޮޅީގެ ފެންވަރު އެކި މިންވަރަށް ހުންނައިރު، ހޮޅިން ޖަހައި ތަށީގެ މަތީގައި އަޅާފައި އޮންނަ ކަވަރު ވެސް ފަޅާނުލެވޭ ފަދަ ޝަކުވާތައް ލިބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެންމެ މަތީ ފެންވަރުގެ ހޮޅި ބޭނުންކުރަން މަޖުބޫރުކުރުމަކީ އަގު ބޮޑުވެގެން ގޮސް އާންމުން އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ޝަރީފް އިތުރަށް ވިދާޅުވީ، ޕްލާސްޓިކް ހޮޅި އަލުން ބޭނުންކުރަން ފެށުމަށް އޭނާ މުޅިން ތާއީދު ނުކުރެއްވި ނަމަވެސް، އިތުރު ވަގުތު ނަގައިގެން ދެމެހެއްޓެނިވި ރަނގަޅު ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.