ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުމުގެ ތެރެއިން ދެ ގައުމު ގުޅިގެން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސައޫދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުމުގެ އުންމީދީ އާ ބާބެއް މިހާރު ފެށިފައިވާ ކަމަށާއި އިގްތިސާދީ ގޮތުންނާއި އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ބޮޑެތި ފުރުސަތުތަކެއް ފަހިވަމުން އަންނަ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމުގެ މައިގަނޑު އަސާސަކީ އެއް އަގީދާއަކާއި، އެއްގޮތް އުސޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި ވަރުގަދަ އިސްލާމީ އަހުވަންތަކަން ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީގައި ސައޫދީން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ވެދިން އެހީއާއެކު މެދުކެނޑުމެއް ނެތި ލިބެމުންދާ އެއްބާރުލުން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގައި ސައޫދީގެ އިގްތިސާދު ސިންދަފާތުކޮށް، އުމްރާނީ ގޮތުންނާއި އީޖާދީ ރޮނގުން ހޯދަމުން އަންނަ ބޮޑެތި ކާމިޔާބީތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
ރާއްޖޭގެ ޓޫރިޒަމާއި، އުމްރާނީ ތަރައްގީ، ބޯހިޔާވަހިކަން، މަސްވެރިކަން، އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސައޫދީގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދީ އިސްލާހީ މަސައްކަތްތަކުގައި ސައޫދީގެ ވިޔަފާރިވެރިންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ދިފާއީ ގުޅުން ބަދަހިކުރުމުގެ އިތުރުން، އެކްސްޕޯ 2030 ރިޔާދުގައި ރާއްޖެއިން ބައިވެރިވުމަކީ ދެ ގައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މަސްރަހުގައްޔާއި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސައޫދީއާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
