ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ އަލުން ކުރައްވަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ޑރ. މައުސޫމް އަލުން ހުވާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން އެކޮމެޓީން ނިންމީ ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި އޭނާ ހުންނެވުމާ ގުޅިގެންނެވެ. އަދި މައުސޫމް އެ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ކަމަށްވާތީއެވެ.
ވަޒީރުކަމުގެ މަގާމާއި ހަވާލުވުމުގެ ކުރިން އެފަދަ މަގާމުތަކުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށާއި މަގާމާއި ހަވާލުވުމަށްފަހު ދެން އިސްތިއުފާ ދެއްވުމުން މައުސޫމްގެ ހުވަޔާ މެދު ސުވާލު އުފެދޭ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ވިދާޅުވެފައިވެއެވެ.
މައުސޫމް ކުރެއްވި ހުވާ ގާނޫނު އަސާސީއާ ޚިލާފު ކަމަށާއި ރުހުން ދެވޭނީ ސައްހަ ހުވައެއް ކުރައްވައިގެން ވަޑައިގެންނެވުމުން ކަމަށް ގިނަ މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދުދީދީ ހުށަހެޅުއްވުމުން އެކަން ފާސްވީ ކޮމިޓީގެ 8 މެމްބަރުންގެ އިއްތިގާފުންނެވެ.
