ކުރީގެ ނޫސްވެރިޔާ ފާތިމަތު މަދަދާގެ އަމިއްލަ ފޯނު ނަންބަރު ލީކުކޮށްލުމާ ގުޅިގެން ގިނަ ބަޔަކު ގުޅައި އޭނާއަށް ފުރައްސާރަކުރަން ފަށައިފިއެވެ.

ނަންބަރު ލީކުކޮށްލުމާ ގުޅިގެން ކުރިމަތިވަމުންދާ ފުރައްސާރަތައް ހާމަކޮށް މަދަދާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ސްކްރީންޝޮޓެއް އާންމުކޮށްފައެވެ. އެ ސްކްރީންޝޮޓުން ފެންނަ ގޮތުގައި ރާއްޖޭގެ އެކި ނަންބަރުތަކުންނާއި ނަން ނޭނގޭ ނަންބަރުތަކުން ގިނަ ބަޔަކު ވަނީ އޭނާއަށް ގުޅައި ޖެއްސުންކުރަން މަސައްކަތްކޮށްފައެވެ. އަމިއްލަ މައުލޫމާތު ލީކުކޮށްލައިގެން ހަމަލާދިނުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި، ގުޅައިގެން ބިރުދައްކައިގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަދަދާ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާގެ ނަމުގައި ފަތުރަމުންދާ ވީޑިއޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ އެއްވެސް ހަގީގަތެއް ނެތް ތަކެއްޗެވެ. އޭނާ ބުނީ މިއީ މީގެ އަހަރެއްހާ ދުވަސް ކުރިންވެސް އޭނާގެ އަގުވައްޓާލަން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދައި ދައުރުކުރި އެއްޗެހިތަކެއް ކަމަށާއި، މިހާރު އަލުން ފަތުރަމުން އެ ދަނީ ވެސް ހަމަ އެ ތަކެތި ކަމަށެވެ.

އެ ބަޔާނުގައި ބައެއް ނޫސްތަކުން އަމަލުކުރި ގޮތަށް މަދަދާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި، ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުން ހަބަރެއްގެ އަސާސީ މިންގަނޑުތަކަށް ނުބަލައި، އާންމުންގެ އަބުރާ ގުޅޭގޮތުން ދައްކާ ތޯތޯ ވާހަކަތައް ޝާއިއުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އާންމުންގެ ތެރޭގައި ލަދުގަންނަން ޖެހޭ ފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އޭނާ ނުނަގާނެ ކަމަށާއި އަދި އެފަދަ އެއްޗެއް އެއްވެސް މީހަކަށް ފޮނުވާފައި ވެސް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ފޭކު ބަރަހަނާ މަންޒަރު އުފެއްދުމާއި ފެތުރުމަކީ ގާނޫނީ ކުށެއް ކަމަށް މަދަދާ ފާހަގަކޮށްފައިވެއެވެ.