އިންސާނާގެ ހަޔާތުގެ ތިންބައިކޮށްފައި އެއްބައި ހޭދަކުރަނީ ނިދުމުގައެވެ. ވީއިރު ނިދުމާއި ނިދުމުގެ މުހިންމުކަން އިންސާނާ އިހުސާސްކުރުން މުހިންމެވެ. ނިދާފައި އޮންނަ ވަގުތު ހަށިގަނޑުގެ މަސައްކަތްތައް ހިނގާ ގޮތާއި ހިނގަނީ ކޮންކޮން މަސައްކަތްތަކެއްކަން ވެސް އެނގުން މުހިންމެވެ.
އެގޮތުން އިންސާނާ ނިދާފައި އޮންނަ ވަގުތަކީ، އިންސާނާ އަލަށް ދަސްކުރި ތަކެތި ސިކުނޑީގެ ތެރޭގައި ޖަމާކުރާ ވަގުތެއް ކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އަދި ސިކުނޑީގެ ނާރުތަކުގެ ތެރޭގައި ހުންނަ ވިހަ މާއްދާތައް ސިކުނޑިން ބޭރުކޮށްލަނީވެސް އިންސާނާ ނިދާފައިވާ ވަގުތުގައެވެ. މިކަން ހިނގަނީ ސިކުނޑީގައި ހިނގާ ކެމިކަލް ރިއެކްޝަންތަކެއްގެ ސަބަބުންނެވެ. ކަން ހުރީ މިހެން ކަމުން، ދުނިޔޭގެ ބޮޑެތި ޕްރޮފެސަރުން އެމީހުންގެ ދަރިވަރުންނަށް ނިދުމުގެ މުހިންމުކަން ބަޔާންކޮށްދެއެވެ.
ކުއްޖާ ކިޔާ ފިލާވަޅު ތަކަކީ އެ ފިލާވަޅުތަކެއް ދަސްކުރުމަށްފަހު ނުވަތަ ކިޔުމަށްފަހު އެ ކުއްޖަކު ނިދުން މުހިންމު ފިލާވަޅު ތަކެކެވެ. އެހެނީ އެ ކިޔެވި އެއްޗެއް ފަސޭހަ ކަމާއެކު ސިކުނޑީގައި ރައްކާ ކުރެވޭނީ އޭރުންނެވެ. އެހެންކަމުން އިމްތިހާނުތަކަށް ތައްޔާރުވާ ދަރިވަރުން ނިދުމަށް ސަމާލުކަން ދިނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.
އިންސާނާ ނިދާފައި އޮންނަ ވަގުތުގައި ސިކުނޑީގައި ހިނގާ އެހެން ކެމިކަލް ރިއެކްޝަންތަކެއްގެ ސަބަބުން ސިކުނޑީގެ ނާރުތަކުގެ މެދުގައި މަސައްކަތްތައް ތަރުތީބުކޮށްލައެވެ. އަދި އެ އިންސާނަކު ހޭލުމުގެ ކުރިއަށް ދެން އަންނަ އޮތް ދުވަހަކަށް އިންސާނާގެ ސިކުނޑި ފައްކާ ކޮށްލައެވެ. އަދި ހޭލުމަށްފަހު އަލުން އައު ފެށުމަކުން ފަށާ ފަދައިން ސިކުނޑީގެ ބުރަތައް ސިކުނޑިން ނެރެލައެވެ. އެހެން ކަމުން ހާސްކަމާއި ނުތަނަވަސްކަން ހުންނަ މީހަކު ގަވައިދުން ނިދުމާއި ނިދި ހަމަކުރުން ވަރަށްވެސް މުހިންމެވެ.
ހަށިގަނޑުގެ ހަތާތަކަށް (ސެލްތަކަށް) ލިބިފައި ހުންނަ އަނިޔާތައް ނިދާފައި އޮންނަ ވަގުތު ފަސޭހަވެގެން ދެއެވެ. އަދި ލިބިފައިވާ ގެއްލުންތައް ފޫބައްދާލަދެއެވެ. މިއީ އަންނާން އޮތް ދުވަހަށް އިންސާނާގެ ހަށިގަނޑު ތައްޔާރު ކުރުމަށް ކުރެވޭ ވަރަށްވެސް މުހިންމު ކަމެކެވެ. ހަމަ އެއާއި އެކު ލޭގެ ތެރޭގައި ދައުރުވާ ހަކަތައިގެ ބައިތައް ހަށިގަނޑުގައި ޖަމާކޮށްދެނީވެސް ނިދާފައި އޮންނަ ވަގުތުގައެވެ. އަދި ބައެއް ހޯމޯންތައް ހަށިގަނޑުގެ ތެރެއަށް ދޫކުރެވެނީވެސް އިންސާނާ ނިދާފައި އޮންނަ ވަގުތުގައެވެ.
މިއީ އިންސާނާ ނިދާފައި އޮންނަ އިރު އޭނާގެ ހަށިގަނޑުން ކުރާ މުހިންމު ބައެއް ކަންތައްތަކެވެ. ވީއިރު ދުޅަހެޔޮ ހަށިގަނޑެއް އެދޭ މީހާ ނިދުމަށް ސަމާލުކަން ދިނުން މުހިންމެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އެއް ފަނާރަކީ ނިދުން ކަމުގައި ގަބޫލުވެސް ކުރުން މުހިންމެވެ. އެހެނަސް ނިދުމުގައި ހައްދެއް ވެއެވެ. އެ އިން ފަހަނަ އަޅައި ގޮސްފި މީހަކީ އިތުރު އެހެން އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނޭ މީހެކެވެ.
