ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގައި ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ގެ ގާލާ ސެރެމަނީގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި ހަރަކާތަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މަގާމު އިތުރަށް ހަރުދަނާކޮށް އިސްތިހާރު ކުރުމަށް ބާއްވާ މުހިންމު އިވެންޓެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރު އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ. މި ޕާޓްނާޝިޕްގެ ދަށުން 2026 ވަނަ އަހަރުގެ އެވޯޑް ހަފުލާ ފުރިހަމަކަމާ އެކު ކުރިއަށް ގެންދިއުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމައިފަ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، ދިހަ އަހަރަށް ފަހު މި އެވޯޑް ހަފުލާ އަލުން ރާއްޖެއަށް އަންނައިރު، މިއީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ނުފޫޒުގަދަ ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ ހާއްސަ ހަރަކާތަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން މިއީ އިންޓަނޭޝަނަލް ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކާ އެކު އޮންނަ ގުޅުންތައް ބަދަހިކުރަން ލިބޭ ބޮޑު ފުރުސަތެކެވެ.

މި އިވެންޓުގައި ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް މީޑިއާތަކާއި އެއާލައިންތަކުން ވެސް ބައިވެރިވާނެ އެވެ. މިއީ އިންޓަނޭޝަނަލް ޓޫރިޒަމް ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ އެންމެ ޝަރަފުވެރި އެއް ހަރަކާތެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި، މި އެވޯޑްސްގެ ހަފުލާ ރާއްޖޭގައި ބޭއްވުމަކީ އިންޓަނޭޝަނަލް ފެންވަރުގައި ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުވެގެންދާނެ ކަމެކެވެ. އަދި ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖެ އޮތް މަގާމު ދެމެހެއްޓުމަށް މިކަމުގެ ސަބަބުން ބޮޑު ބާރަކަށް ވާނެ އެވެ.