މާތް الله ދެއްވި އެންމެ މަތިވެރި ނިއުމަތް ކަމުގައިވާ ސައްހަ އަގީދާ ރައްކާތެރިކޮށް، އެ އަގީދާ އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް މަތިވެރި އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މި ހުތުބާގައި ވަނީ ދީނާ ދުރު ފިކުރުތަކުގެ ނުރައްކަލުން ސަލާމަތްވެ، ސާބިތު އަގީދާއެއްގެ މަތީގައި ދެމިތިބުމަށް ނަސޭހަތްތެރިވެފަ އެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމީ އަގީދާއަކީ ހަމައެކަނި މައިންބަފައިންގެ ފަރާތުން ވާރުތަވާ ތަރިކައެއްގެ ގޮތުގައި ބަލައި އެކަމާ މެދު ފަރުވާކުޑަކޮށްގެން ވާނެ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އިސްލާމްދީނުގެ ހަގީގަތްތައް ރަނގަޅަށް ދަސްކޮށް، ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި އީމާންކަން ވަރުގަދަކޮށް ހަރުދަނާކުރަން ޖެހޭ ކަމަށް ހުތުބާގައި ބަޔާންކުރި އެވެ.
ޒަމާނީ ދިރިއުޅުމުގެ މިސާލެއް ދައްކަމުން ހުތުބާގައި ބުނީ، އަތުގައި އޮންނަ ފޯނުގެ ބެޓެރި ހުސްވެދާނެތީ ކަންބޮޑުވެ އެ ޗާޖުކުރަން އަވަސްވެގަންނަ ފަދައިން، ހިތުގައިވާ އީމާންކަމާއި ސައްހަ އަގީދާގެ ނިއުމަތް ބީވެގެން ހިނގައިދާނެ ކަމަށް އެއަށް ވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. އަދި އިސްލާމްދީނުގެ އުސޫލުތައް އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާއިރު، ޖާހިލުކަމާއި ދީނާ ދުރު ފިކުރުތަކަށް ޖާގަދެވިއްޖެ ނަމަ މުޅި މުޖުތަމައުގެ ދީނީ ބިންގާ ބަލިކަށިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ، ދުންޔަވީ ދިރިއުޅުން ފާގަތިކުރުމަށާއި މުދަލާއި ދަރިންގެ މުސްތަގުބަލަށް މަސައްކަތްކުރާ ފަދައިން، އާހިރަތުގެ ކާމިޔާބީ ހޯދުމަށް ޓަކައި ހިތުގެ ހާލަތު އިސްލާހުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަމިއްލަ އެތެރެފުށް އިސްލާހުކޮށް މާތް الله އާ އޮންނަ ގުޅުން ހަރުދަނާކޮށްފި މީހަކަށް، ދުނިޔެ އާއި އާހިރަތުގެ ހުރިހާ ކަމެއް އެކަލާނގެ ފުއްދަވައިދެއްވާނެ ކަން ސަލަފުންގެ ބަސްފުޅުތަކުން އެނގޭ ކަމަށް ވެސް ހަނދާންކޮށްދިނެވެ.
ހުތުބާ ނިންމާލަމުން ގޮވާލީ، މުދަލާއި ދަރިންގެ އެއްވެސް މަންފާއެއް ނުކުރާނެ ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް ޓަކައި، ކޮންމެ މީހަކު ވެސް ސާފުސީދާ ހިތަކާ އެކު الله ގެ ހަޟުރަތަށް ހާޒިރުވުމަށް ތައްޔާރުވުމަށެވެ. އަދި އަމިއްލަ ނަފުސާއި ދަރިންނަކީ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
