ޖަރުމަންގެ ނަރުހަކު ކޮވިޑް ވެކްސިން ދޭންޖެހޭ ގިނަ ބަޔަކަށް ގަސްދުގައި ނޯމަލް ސެލައިން ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. ނޯމަލް ސެލައިން އަކީ އޭގައި ލޮނުގެ މާއްދާ އެކުލެވޭ ގޮތައް ތައްޔާރުކޮށްފައިވާ ފެނެކެވެ. މިއީ އިންޖެކްޝަނުގެ ގޮތުގައިވެސް ދޭ އެއްޗެކެވެ.

ޖަރުމަނު ފުލުހުން ބުނާ ގޮތުން 8000 އަށް ވުރެ ގިނަ މީހުންނަށް އޭނާ ވަނީ އޮޅުވާލާފައެވެ.

ފުލުހުން ބުނީ އެ ނަރުހަކީ ވެކްސިން ޖަހަން ދެކޮޅު ހަދާ އެކަން ޕްރޮމޯޓުކުރާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާގެ ފޭސްބުކްގައި ވެކްސިން ޖެހުމާ ދެކޮޅު ވާހަކަތައް ހުރި ކަމަށާއި އޭނާގެ ފްރެންޑު ލިސްޓުގައި ވެސް ވެކްސިނާ ދެކޮޅު މީހުން އުޅޭ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިވާހަކަތައް ފުލުހުންނަށް ހުށަހެޅީ އެ ނަރުހާ އެކު މަސައްކަތްކުރާ މީހެކެެވެ. އޭނާ ބުނީ ސިރިންޖަށް ސެލައިން އަޅާތަން އެނާ ދުށް ކަމަށެވެ.

ހަށިގަނޑަށް ސެލައިން ޖެހުމަކުން އާދައިގެ ހާލަތްތަކުގައި ގެއްލުމެއް ނުލިބޭނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެހެންނަމަވެސް ސެލައިން ޖެހި މީހުން އަލުން ކޮވިޑް ވެކްސިން ޖަހަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އޮފިޝަލުން ބުނީ ސެލައިން ވެކްސިން ދީފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.