ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރި މީހުންނަށް އަސާސީ ޕެންޝަން ލިބުމުގައި ހުރި ދަތިތަކާއި ޝަކުވާތައް ސަރުކާރުން ބަލައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތައް ސީދާ ހިއްސާކުރުމަށް ކުރިއަށް ގެންދާ 'ރައްޔިތުންގެ އަޑު' ޕްރޮގްރާމުގައި، ދައުލަތަށް 46 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި ރައްޔިތަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އޮޑިޓް އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރުމަށް ފަހު ރިޓަޔާކޮށްފައިވާ އެ މީހާ ބުނީ، އެ އޮފީހަކީ އަސާސީ ޕެންޝަން މަހުން މަހަށް ލިބެންޖެހޭ ތަނެއް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އެ ފައިސާ އޭނާއަށް ގަވާއިދުން ނުލިބޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ދެ ފަހަރެއްގެ މަތިން ގަނޑުކޮށް ފައިސާ ދީފައިވާ ކަމަށާއި، މިހާރު އެ ފައިސާ މުޅިން ކަނޑާލަން ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާތީ އެކަމުގެ ކަންބޮޑުވުން އެ މީހާ ހިއްސާކުރި އެވެ.
މި ކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދައުލަތަށް އެހާ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް މިފަދަ ދައްޗެއް ދިމާވެފައިވާ ކަން މީގެ ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ސަމާލުކަމަށް ގެނެސްދިނުމުން ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ، ކަންކަން ހިނގާފައިވާ ގޮތް ބައްލަވައި ދެން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށެވެ.
ޕެންޝަން ފަންޑާ ގުޅިގެން އާންމުންގެ މެދުގައި ޒަމާނުއްސުރެ ތަފާތު ޝަކުވާތައް އޮންނައިރު، ވަކިން ހާއްސަކޮށް ޑަބަލް ޕެންޝަން ލިބުމާ ގުޅޭ އުސޫލުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެވެ. އަދި މި ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ދޭތެރެދޭތެރެއިން ގަވާއިދުތަކަށް ބަދަލުތައް ގެންނަމުންދާ ކަން ފާހަގަކުރެވެ އެވެ.
ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް ފަހުން ގެނައި އިސްލާހުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަށް ވުރެ ބޮޑު އާމްދަނީއެއް އެ މީހަކަށް ލިބޭ ނަމަ، އެ މީހަކަށް އަސާސީ ޕެންޝަން ނުލިބޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން، ބަލިހާލަތު ހުރި ގޮތުން އެއް އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ފަރާތްތަކަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭނެ އިންތިޒާމު ވެސް އެ އިސްލާހުގައި ވަނީ ހަމަޖައްސައިދީފަ އެވެ.
