ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބިމުގެ ޖިއޮގްރަފީއަށް ބަދަލުތަކެއް އައި ނަމަވެސް، ދައުލަތެއްގެ ދަރަޖައާއި ސިޔާދަތު އަދި ބައިނަލްއަގުވާމީ ގާނޫނީ ހައިސިއްޔަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރިމަތިވާ ނުރައްކާތަކާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ ވިލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން މިކަމުގެ ކަށަވަރުކަން ލިބެންޖެހޭ ކަން ފާހަގަކުރައްވައި، ކަނޑުގެ ސަރަހައްދުތަކާއި ދައުލަތްތަކަށް ލިބިދޭ ގާނޫނީ ހައްގުތަކާއި އދ. ގެ މެންބަރުކަމާ މެދު އެއްވެސް ސުވާލެއް ނުއުފެއްދޭނެ ގޮތަށް ކަންކަން ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ގާތްގަނޑަކަށް ސާޅީސް އަހަރު ކުރިން، 1989 ވަނަ އަހަރު ބޭއްވި މާލެ ޑިކްލަރޭޝަނުން ފެށިގެން މި ނުރައްކަލުގެ ވާހަކަ ރާއްޖެއިން އދ. ގެ ސަމާލުކަމަށް ގެނައި ކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ. އޭރު ދެއްކި ވާހަކަތައް މިއަދު ވަނީ ކުއްލި ނުރައްކަލަކަށް ވެފައި ކަމަށާއި، މިކަމުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބިނާރަށާއި ރައްޔިތުންގެ ދިރިއުޅުމުގެ އިތުރުން މައިގަނޑު އިގުތިސާދީ ދާއިރާތަކަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ އެހީއަކީ ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުތުތަކާ އެކު ދެވޭ އެހީއަކަށް ވާންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ސީދާ މޮނިޓާކޮށް ބަލާނެ ހާއްސަ ނިޒާމެއް ބައިނަލްއަގުވާމީ ފެންވަރުގައި ގާއިމުކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބަޔާން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، ގައުމުތަކުން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ތަންފީޒުކޮށް، ވިލުންތެރިކަން އިތުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތަރައްގީގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި މިހާރު ވެސް ވިލުންތެރިކަން ހިމަނައިގެން މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.