މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 26 އަހަރުގެ ދިވެހި އަންހެން މީހާ މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި އެ އަންހެން މީހާ ނިޔާވިކަން އާއިލާއިން ވަނީ ފުލުހުންނަށް ކަށަވަރުކޮށްދީފަ އެވެ.
މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު އިރު، ނިޔާވި އަންހެން މީހާގެ މޫނުގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިކުނޑިއަށް ގެއްލުންވުމުގެ ސަބަބުން ބޮލުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވެ އެވެ. އަދި އަނެއް ސައިކަލުގައި އިން 22 އަހަރުގެ ފިރިހެނަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލަތު ވެސް ނާޒުކު ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 21 އަހަރުގެ މާހު ހަސަން، ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވައި އަނެއް ސައިކަލުގައި ޖެހިގެންނެވެ. މާހުއަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރުގެ ތެރޭގައި ވެސް ހަތަރު ފަހަރަށް ފުލުހުން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެކެވެ.
މި މައްސަލައާ ގުޅިގެން މާހު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ. ކޯޓު މަރުހަލާގައި މާހު ވަނީ އޭނާއަށް ވެސް އަނިޔާވެފައިވާ ކަމަށް ބުނެ ބަންދަށް ލުޔެއް ދިނުމަށް އެދިފައި ނަމަވެސް، ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ގާޒީ ވަނީ ވަކީލަކު ނެތި ދައްކާ ވާހަކަ އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ކަމާއި ހަނުހުރުމުގެ ހައްގު އޮތް ކަން ހަނދާންކޮށްދެއްވައިފަ އެވެ.
އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުން، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ނެގުމުގެ ހައްގުން މަހުރޫމްކުރުމުގެ އިތުރުން، ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ވެސް ކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
