އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި 74 އަހަރަށްފަހު ފުރަތަމަ ޑިވިޝަނަށް އެނބުރިއައި ބްރެންޓްފޯޑުން 2-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށްފިއެވެ.
މިއީ ލީގު ހުޅުވާ މެޗެއްގައި ވާދަކޮށްގެން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ލީގު ހުޅުވާ މެޗުގައި ވާދަކުރި ތިން ފަހަރު ވެސް ވަނީ މޮޅުވެފައެވެ.
އާސެނަލުން ރޭގެ މެޗަށް ނިކުތްއިރު ހުމުގެ ސަބަބުން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އާއި އަލެކްސެންޑަ ލަކަޒޭ ނުކުޅެއެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ކޯޗު މިކޭލް އާޓޭޓާ ރޭގެ މެޗުގައި ފުރުޞަތުދީފައިވަނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ގެބްރިއެލް މާޓިނެއްލީ އާއި ފޮލަރިން ބަލޮގަން އަށެވެ. އެ ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ތޯމަސް ޕާޓޭ އާއި ރޮބް ހޯލްޑިން ހިމެނެއެވެ.
ބްރެންޓްފޯޑްގެ ކޮމިއުނިޓީ ސްޓޭޑިއަމްގައި 16 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗު ފެށިގެން 22 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ސާޖީ ކަނޯސް އެވެ. މިއީ އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރު އީތަން ޕިނޮކް ދިން ބޯޅައަކުން ކަނޯސް ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، މެޗުގެ 12 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ލީޑްނަގައިދޭން ބްރަޔަން އެމްބުއެމޯ އަށް ލިބުނު ފުރުޞަތުގައި އެ ޓީމުގެ ފޯވާޑް އިވާން ޓޯނޭ ދިން ބޯޅައަކުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އާސެނަލްގެ ގްރޭނިޓް ޒާކާ އާއި އެމީލް ސްމިތު ރޯވް އަށް އެ ޓީމަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި މެޗުގައި ބްރެންޓްފޯޑުން ޖެހި ދެވަނަ ގޯލަކީ އޭރިޔާތެރެއަށް އެއްލި ދިގު އެއްލުމަކުން އެ ޓީމުގެ މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ހާފުގައި އާސެނަލްގެ ވިންގާ ނިކޮލަސް ޕެޕޭ ފޮނުވާލި ބޯޅަ ބްރެންޓްފޯޑްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފައެވެ.
ލީގުގައި އާސެނަލަށް ދެން އޮތީ މި މަހުގެ 22 ވާ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ލަންޑަން ޑާބީއެއްގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. ބްރެންޓްފޯޑަށް އޮތީ އޭގެ އެއްދުވަސް ކުރީން ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗާއި، ޗެލްސީއާ ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުގެ އިތުރުން އަލަށް ޕްރޮމޯޓުވީ ނޯވިޗް ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.
