މޮންޓާނާ ސްޓޭޓް ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ އިންސާނުންނާއި ސޫފާސޫފި ފަދަ ދިރޭތަކެތީގެ ސެލްތަކުން ކުރިން ނޭނގޭ "އިމަޖެންސީ" ނުވަތަ ބެކްއަޕް ނިޒާމެއް ހޯދާފައެވެ. މި ހޯދުމަކީ ބަޔޮލޮޖީގެ ދާއިރާގައި ކުރިން ގަބޫލުކުރެވެމުން އައި ގޮތްތަކާ މުޅިން ހިލާފު، ސައިންސްވެރިންނަށްވެސް ބޮޑު ހައިރާންކަމެއް ލިބުނު ހޯދުމެކެވެ. މި ނިޒާމުގެ ސަބަބުން، ސެލްތަކަށް ކޮންމެހެން ބޭނުންވާ 'ސިސްޓީން' އަމިއްލައަށް އުފެއްދުމަށް ބޭނުންކުރާ މައިގަނޑު މަގުތައް ހުއްޓުވާލި ނަމަވެސް، ސެލްތައް މަރުނުވެ ދިރިހުރުމުގެ ގާބިލުކަން ލިބިގެންދެއެވެ.

ސިސްޓީންއަކީ ސެލްތަކުގެ ތެރޭގައި ޕްރޮޓީން އުފެއްދުމަށާއި، ސެލްތަކުގެ އޮނިގަނޑު ހިފެހެއްޓުމަށާއި، އަދި ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުންވާ އެމިނޯ އެސިޑެކެވެ. ސައިންސްވެރިން ކުރިން ގަބޫލުކުރި ގޮތުގައި 'ޑައިސަލްފައިޑް ރެޑަކްޓޭސް' ނިޒާމު ހުއްޓިއްޖެނަމަ ސެލްތަކަށް ސިސްޓީން ނުއުފެއްދޭނެއެވެ. ނަމަވެސް، އާ ހޯދުމުން އެނގުނު ގޮތުގައި މައިގަނޑު ނިޒާމު ހުއްޓުމުން، ސެލްތަކުން 'ސިސްޓީން' ގެ މޮލިކިއުލްތަކުގައިވާ ކާބަން-ސަލްފާ ބޮންޑެއް މުގުރާލައިގެން ބެކްއަޕް މަގެއްގެ ތެރެއިން ސިސްޓީން އުފައްދައި، ސެލްގެ ދިރުން ދަމަހައްޓައެވެ.

މި ދިރާސާގެ އިސް ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، މި ބެކްއަޕް ނިޒާމަކީ އިންސާނާގެ ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދިނުމަށް އުފެދިފައިވާ ނިޒާމެއް ނަމަވެސް، ކެންސަރު ސެލްތަކުންވެސް މި ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައެވެ. ކީމޯތެރަޕީ، ރޭޑިއޭޝަން، އަދި އިމިއުނޯތެރަޕީ ފަދަ ވަރުގަދަ ފަރުވާތަކުން ކެންސަރު ސެލްތައް ހަލާކުކޮށްލަން މަސައްކަތްކުރުމުން، ކެންސަރު ސެލްތަކުން މި ސިއްރު ބެކްއަޕް މަގު ބޭނުންކޮށްގެން ފަރުވާއަށް ގުޑުވާނުލައި ދިރިތިބެއެވެ.

މި އާ ހޯދުމާއެކު ކެންސަރު ފަރުވާއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ. ސައިންސްވެރިން ދެކޭގޮތުގައި، ކެންސަރު ސެލްތަކުން ބޭނުންކުރާ މި ބެކްއަޕް ނިޒާމު ދެނެގަނެވިފައިވާތީ، އެ ނިޒާމު ޚާއްޞަކޮށް ބަންދުކޮށްލެވޭނެ އުކުޅެއް ހޯދިއްޖެނަމަ، ކެންސަރު ޓިއުމަރުތައް ބަލިކަށިވެ، މިހާރު ދެވޭ ކެންސަރު ފަރުވާތަކުގެ އަސަރު މީގެ ކުރިއަށްވުރެ އެތައްގުނައަށް ވަރުގަދަވެގެންދާނެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.