އިސްލާމްދީނަކީ ހަމައެކަނި ފަރުދީ އަޅުކަންތަކަކަށް ހާއްސަވެފައިވާ ދީނެއް ނޫނެވެ. އެއީ މުޅި އިޖުތިމާޢީ ނިޒާމު ބައްޓަންކޮށް، އެކަކު އަނެކަކަށް އެހީތެރިވެ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމަށް ބާރުއަޅާ ކާމިޔާބު ދީނެކެވެ. މުޖުތަމަޢަށް ޚިދުމަތްކުރުމަކީ މުސްލިމެއްގެ އީމާންކަމުގެ ފުރިހަމަކަން ހާމަކޮށްދޭ އަދި މާތް ﷲ ގެ ރަޙްމަތާއި ދަރުމަ އެދިގެން ކުރެވޭ މޫރިތި ޢަމަލެކެވެ.

މާތް ﷲ ކީރިތި ޤުރްއާނުގައި އެކަކު އަނެކަކަށް ހެޔޮކަންކަމުގައި އެހީތެރިވުމަށް އަމުރުކުރައްވާފައިވެއެވެ. ސޫރަތުލް މާއިދާގެ 2 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ (މާނައީ: "އަދި ހެޔޮކަންތައް ކުރުމާއި، ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރިވާށޭ! އަދި ފާފަކުރުމާއި، އަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރިނުވާށެވެ!")

މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ތަފާތު ގިނަ ގޮތްތަކެއް ހިމެނެއެވެ. އެގޮތުން ނިކަމެތިންނާއި ފަގީރުންނަށް މާލީގޮތުންނާއި ޖިސްމާނީގޮތުން އެހީތެރިވުމާއި، ޢިލްމު އުނގަންނައިދިނުމާއި، އާންމު ތަންތަން ސާފުކޮށް ބެލެހެއްޓުމާއި، އަދި އެހެން މީހުންގެ ދަތިތަކުގައި އަދާކޮށްދޭ އެހީތެރިކަމަކީވެސް މުޖުތަމައަށް ކޮށްދެވޭ ޚިދުމަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގެ އެކުވެރިކަމާއި ބަދަހިކަން އިތުރުވެގެންދެއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވާ ގޮތުގައި، މުސްލިމަކު އެހެން މީހުންނަށް ދޭ އެންމެ ބޮޑު ހަދިޔާއަކީ އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ކުރާ މަސައްކަތެވެ. އަދި އަޅުގަނޑުމެން މުޖުތަމަޢަށް ޚިދުމަތްކުރަންޖެހެނީ ހަމައެކަނި މީހުންގެ ޝުކުރާއި ތަޢުރީފު ހޯދާކަށް ނޫނެވެ. ނަމަވެސް އެއީ މާތް ﷲ ގެ ރުއްސެވުން ހޯދުމަށާއި، އިންސާނިއްޔަތަށް ހެޔޮފޯރުވުމުގެ ނިޔަތުގައެވެ.

ވީމާ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި މުޖުތަމަޢަށް ފައިދާހުރި ކޮންމެވެސް ކަމެއް ކުރުމަށް ޢަޒުމް ކަނޑައަޅަންޖެހެއެވެ. ކުޑަކުޑަ ހެޔޮކަމަކުންވެސް މީހެއްގެ ދިރިއުޅުން އުޖާލާކޮށްދެވިދާނެއެވެ. މުޖުތަމަޢަށް ޚިދުމަތްކުރުމަކީ ދުންޔަވީ ގޮތުން މުޖުތަމަޢު އާރާސްތުވުމުގެ އިތުރުން، އާޚިރަތް ދުވަހުން ބޮޑުވެގެންވާ ދަރުމައާއި ޘަވާބު ލިބިގެންދާނެ އަގުހުރި ޢަމަލެކެވެ.

ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2025.