ލޮލުން ފެންއައުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމުކޮށް ދިމާވާ، އަދި ގިނަ ފަހަރަށް އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އާންމުގޮތެއްގައި ލޮލުން ފެންއަންނަނީ ދުމުގެ އަސަރުކުރުމުން، ނުވަތަ އެލާޖިކްވުމުން، ނުވަތަ ލޮލަށް އެއްޗެއް ދިއުމުންނެވެ. ނަމަވެސް، އެއްވެސް ސަބަބެއް ނެތި މެދުކެނޑުމެއްނެތި ލޮލުން ފެންއަންނަނަމަ، އެއީ ލޮލުގެ ސިއްހަތާ ގުޅުންހުރި ކަމެއްގެ ނިޝާނަކަށް ވެދާނެއެވެ.

މިއާ މެދު އަޖައިބުވެދާނެ ހައިރާންކުރުވަނިވި ސަބަބަކީ، ލޯ ހިކުމެވެ. ލޯ ހިކުމަކީ ލޮލުން އިންތިހާއަށް ފެންއައުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމުގައިވުމެވެ. ލޯ ހިކުމުން ފެންއަންނަނީ ކީއްވެގެންތޯ ސުވާލު އުފެދިދާނެއެވެ. ލޮލުގެ މަތީފަށަލަ ހިކި، ތެތްކަން ކެނޑުމުން، ސިކުނޑިއަށް މެސެޖު ފޮނުވައިގެން ލޯ ރައްކާތެރިކުރުމަށްޓަކައި އިތުރަށް ކަރުނަ އުފެއްދުމަށް ލޮލުގެ ގްލޭންޑްތަކަށް އަންގައެވެ. މީގެ ސަބަބުން ގިނަ އަދަދަކަށް ކަރުނަ އުފެދި، ލޮލުން ފެންފައިބަން ފަށައެވެ.

މިފަދަ ހާލަތެއް ދިމާވުމަށް މަގުފަހިކުރާ ގިނަ ކަންތައްތަކެއް ދެނެގަނެވިފައިވެއެވެ. އޭގެ ތެރޭގައި ގިނަވަގުތު ފޯނު ނުވަތަ ކޮމްޕިއުޓަރު ބެލުމާއި އޭސީ ކުރެވިފައިވާ ކޮޓަރިއެއްގައި ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވުމާއި، ލޮލުގެ ކަރުނަ ހޮޅިތައް ބެދުމަކީވެސް ލޮލުން ފެންފައިބާ މިންވަރު އިތުރުކޮށްދޭ ކަންކަމެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ކޮމްޕިއުޓަރު ނުވަތަ ފޯނު ބޭނުންކުރާއިރު ގަވާއިދުން ލޮލަށް އަރާމުދިނުމާއި، ލޯ ތެތްކޮށްދޭ އައި-ޑްރޮޕްސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ލޮލުން ފެންއައުމާއެކު ލޮލުގައި ރިއްސުން، ފެނުމަށް ބަދަލުއައުން ނުވަތަ ލޯ ރަތްވުން ފަދަ ކަމެއް ފާހަގަކުރެވޭނަމަ ލަސްނުކޮށް ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

ހަވާލާ: ދަ އައި ފައުންޑޭޝަން 2025.