ރ. މަޑުއްވަރީގެ ކެފޭއެއްގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީ އަންހެނަކަށް ބިދޭސީ ފިރިހެނަކު އަނިޔާވެރިކޮށް ހަމަލާދީ، އޭނާގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 06:04 އެހައިކަންހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅޭ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯތަކެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން އާންމުވި އެއް ވީޑިއޯއިން ފެންނަނީ އަނިޔާ ލިބުނު އަންހެން މީހާ ބިންމައްޗަށް ވައްޓާލުމަށްފަހު، އޭނާގެ ގައިމައްޗަށް ބިދޭސީ ފިރިހެން މީހާ އަރައި އަޑުގަދަނުކުރެވޭނެހެން އަނގަމަތީގައި ގަދަކަމުން އަތްއަޅައިގެން އިންނަ މަންޒަރެވެ. ނަމަވެސް އެ ސަރަހައްދަށް އެހެން މީހަކު ގޮސް ވީޑިއޯ ކުރަމުން އަންހެން މީހާ ދޫކޮށްލުމަށް އެންގުމުން އެ ފިރިހެން މީހާ ވަނީ އެތަނުން ގޮސްފައެވެ.
މީގެއިތުރުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދެވަނަ ވީޑިއޯއިން ފެންނަނީ އެ ހާދިސާ ހިނގި ސަރަހައްދުގެ ބިންމައްޗަށް އުކާލެވިފައި ހުރި ގިނަ އަދަދެއްގެ ދިވެހި ރުފިޔާތަކެއް މީހަކު ނަގަމުންދާ މަންޒަރެވެ. މި ހާދިސާއާ ގުޅިގެން އެ ކެފޭ ހިންގުމާ ހަވާލުވެހުރި ވެރިޔާގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ އާންމުން ވެސް އަންނަނީ އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށާއި، ރަށުގެ އަމާންކަން ގެއްލޭ މިފަދަ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި ފުލުހުން ބުނީ "2026 ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 06:04 އެހައިކަންހާއިރު، ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެދު މާރާމާރީ ހިންގައި އަދި އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލަ ހުށަހަޅާފައިވޭ،" ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯ ހުރި ނަމަވެސް، މި މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލަމުންނެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ބަލައި، އެ އިދާރާއިން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
