ދުނިޔެއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލިގެން ދިޔަކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ސިއްހީ ކުއްލި ނުރައްކާތަކުން ރައްކާތެރިވުމާއި، ތައްޔާރުވުމުގެ އިތުރުން އިޖާބަދިނުމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ހައި-ލެވަލް ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުންނެވެ.

މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، ކޮވިޑްގެ ސަބަބުން ލިބުނު އިގްތިސާދީ ބޮޑު ލޮޅުމާއެކު ރާއްޖެއިން ވޭތުވެދިޔަ 15 އަހަރު ހޯދި ތަރައްގީގެ ކުރިއެރުންތައް ވަނީ އެތައް ގުނައެއް ފަހަތަށް ސޮއްސައިލައިފައެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ ވަރުގަދަ ނިޒާމުތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި ގާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ޒަމާނީ ޓެކްނޮލޮޖީ ބަދަލުކުރުމުގެ އިތުރުން ބަލިތައް ދެނެގަންނަ ލެބޯޓްރީ ނެޓްވޯކްތަކަށް އިންވެސްޓްކުރުމަކީ ކުރިމަގުގެ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ. ހަމައެއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ "ޕެންޑެމިކް އެގްރީމަންޓް" އަދި "އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)" އެއްބަސްވުންތަކަށް އަމަލުކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

"ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށްޓަކައި މާލީ ވަސީލަތްތައް ކަށަވަރުވެފައި އޮތުމާއި ނިޒާމުތައް އެކަތިގަނޑަކަށް ގުޅިލާމެހިފައިވުމާއި ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިވެފައި އޮތުމުގެ އިތުރުން މުޖުތަމައުގެ ފުރިހަމަ ތައްޔާރީ ހާލަތު އޮތުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަންކަން،" މިނިސްޓަރު ވިދާޅުވިއެވެ.

އދ. ގެ މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައި ސިއްހީ ދާއިރާއިން މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ވަޒަންކުރުމަށެވެ. އަދި ބަލިމަޑުކަން ފަދަ ކާރިސާތަކުގައި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުރިހަމައަށް އިޖާބަދެވޭނެ ވަރުގަދަ ސިއްހީ ނިޒާމުތަކެއް ބިނާކުރުމަށް އެޅެން ހުރި ފިޔަވަޅުތަކުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.