ޖަރުމަން ބުންޑެސްލީގާގެ ފުރަތަމަ މެޗުގައި ބޮރޫޝިއާ މުންޗެންގްލަޑްބަކްއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކުޅުނު މެޗުން 1-1 އިން ދެ ޓީމު އެއްވަރުވިއިރު، ބަޔާންގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ރެކޯޑެއް ގާއިމްކޮށްފިއެވެ.

މުންޗެންގްލަޑްބަކްގެ ބޮރޫޝިއާ ޕާކްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އަލަސާނޭ ޕްލެއާ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ލާސް ސްޓިންޑެލް ދިން ބޯޅައަކުން ޕްލެއާ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން ބަޔާނަށް އެއްވަރުކޮށްދިނީ ލެވަންޑޯސްކީ އެވެ. މެެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލެވަންޑޯސްކީ މިލަނޑުޖެހީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ނެގި ކޯނަރަކުންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބަޔާން މޮޅުކޮށްދިނުމަށް ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، މުންޗެންގްލަޑްބަކްގެ ކެޕްޓަން ސްޓިންޑެލް އަށް ލިބުނު ފުރުޞަތުވެސް ވީބޭކާރެވެ. މިއީ ބަޔާންގެ އައު ކޯޗު ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމު ނިކުތް ވާދަވެރި ފުރަތަމަ މެެޗެވެ.

ރޭގެ މެޗުގައި ބަޔާނަށް ޖަހައިދިން ގޯލާއެކު އެ ޓީމުގެ ޕޯލެންޑްގެ ފޯވާޑް ލެވަންޑޯސްކީ ވަނީ ސީޒަންގެ ފުރަތަމަ މެޗުގައި ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ލަނޑުޖަހައި ރެކޯޑެއް ގާއިމްކޮށްފައެވެ. މީގެއިތުރުން، މިއީ ލީގުގައި އޭނާ އެންމެ ފަހުން ކުޅުނު 11 މެޗުގައި ޖެހި 18 ވަނަ ލަނޑެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި އެއިންޓްރަކް ފްރެންކްފާޓްއާ ބައްދަލުކުރާއިރު ރަށުން ބޭރުގައި ބަޔާ ލެވަކޫސަން ނިކުންނާނީ ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.