އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މުވައްޒަފުން ކުރަމުން އައި މަސައްކަތްތައް އޮޓޮމޭޓް ކުރި ނަމަވެސް، އެ ސަބަބަށްޓަކައި އެކަނި މުވައްޒަފުން ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށް ޗައިނާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މި މުހިންމު ހުކުމް އިއްވާފައިވަނީ ޗައިނާގެ ހަންގްޒޯ އިންޓަމީޑިއޭޓް ޕީޕަލްސް ކޯޓުންނެވެ. މި ނިންމުމަކީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކުގައި މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުނީ ޓެކްނޮލޮޖީ ކުންފުންޏެއްގައި ކޮލިޓީ އެޝުއަރެންސްގެ މަސައްކަތް ކުރަމުން ދިޔަ ޒޯ ނަމަކަށް ކިޔާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ. އެ ކުންފުނިން އޭނާ ވަޒީފާއިން ވަކިކުރީ ލާޖް ލެންގުއޭޖް މޮޑެލްސް (އޭއައި) ބޭނުންކޮށްގެން އޭނާގެ މަސައްކަތްތައް އޮޓޮމޭޓް ކުރެވި، އިތުރަށް އޭނާގެ ބޭނުމެއް ނެތް ކަމަށް ބުނެއެވެ. ނަމަވެސް، ކޯޓުން ވަނީ އެ ކުންފުނީގެ އެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.

ކޯޓުން ބުނި ގޮތުގައި، ވިޔަފާރީގެ ތެރެއަށް އޭއައި ނިޒާމުތައް ތައާރަފުކުރުމަކީ ކުންފުނިތަކުގެ އަމިއްލަ ބާރުގެ ދަށުގައި އޮންނަ ވިޔަފާރީގެ ނިންމުމެކެވެ. އެހެންކަމުން ހަމައެކަނި އޭއައި ބޭނުންކުރަން ފެށުމަކީ ގާނޫނީ ގޮތުން މުވައްޒަފުން ވަޒީފާއިން ކަނޑައިލުމަށް ދެއްކޭނެ އެކަށީގެންވާ ސަބަބެއް ނޫން ކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ޓެކްނޮލޮޖީގެ ސަބަބުން މަސައްކަތަށް ބަދަލު އައި ނަމަވެސް، މުވައްޒަފުންގެ ހައްގުތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއެކު، އޭއައިގެ ސަބަބުން ވަކި މަސައްކަތެއް އޮޓޮމޭޓްވި ނަމަވެސް، އެ މުވައްޒަފަކަށް އެކަށީގެންވާ އެހެން ވަޒީފާއެއް ހަމަޖައްސައިދިނުމެއް ނެތި އަދި މުވައްޒަފާ މަޝްވަރާކުރުމަކާ ނުލައި ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ. އަދި ވަޒީފާއިން ވަކިކުރެވޭނީ ގާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ބަދަލު ނުވަތަ ކޮމްޕެންސޭޝަން ދިނުމަށް ފަހު ކަމަށް ވެސް ކޯޓުން ވަނީ ސާފުކޮށްދީފައެވެ.

މި ހުކުމަކީ މުޅި ދުނިޔޭގައި ވެސް އޭއައިގެ ސަބަބުން ވަޒީފާތައް ގެއްލެމުންދާ މި ދަނޑިވަޅުގައި ނިންމުނު ވަރަށް ތާރީހީ ނިންމުމެކެވެ. މީގެ ސަބަބުން އޭއައި ވަސީލަތްތައް ބޭނުންކޮށްގެން މުވައްޒަފުންގެ އަދަދު މަދުކުރަން މަސައްކަތްކުރާ ކުންފުނިތަކަށް ގާނޫނީ ގޮތުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ.