މުވައްޒަފުންގެ ވަރުބަލިކަން ފިލުވައިދީ، ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އަހަރަކު އެއްފަހަރު ނަގާ ދިގު ޗުއްޓީއަށް ވުރެ ގިނަގިނައިން ނަގާ ކުރު ޗުއްޓީތައް މާ ބޮޑަށް ވެސް ފައިދާހުރި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
ސިއްހީ ދިރާސާތައް ޝާއިއުކުރާ މަޝްހޫރު ޖާނަލެއް ކަމަށްވާ 'ކިއުރިއަސް' އަދި 'ޕަބްމެޑް' ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައި ސްޓްރެސް އިތުރުވިޔަނުދީ ހިފެހެއްޓުމަށް ކޮންމެ ދެ މަހަކުން އެއްފަހަރު ވެކޭޝަނެއް މުހިންމު ކަމަށެވެ.
ދިރާސާވެރިން ފާހަގަކޮށްފައިވާ ގޮތުގައި، ގިނަގިނައިން ނަގާ ކުރު ޗުއްޓީތަކުގެ ސަބަބުން މުވައްޒަފުންގެ ހަށިގަނޑާއި ސިކުނޑިއަށް ލިބިފައިވާ ބުރަކަން ކެނޑި، ހަކަތަ އަލުން އާލާކުރުމަށް ފުރުސަތު ލިބިގެންދެއެވެ. އެއްފަހަރާ ގިނަ ދުވަހުގެ ޗުއްޓީއެއް ނެގުމަށްފަހު އެނބުރި އައުމުން ލިބޭ ހިތްހަމަޖެހުމަށްވުރެ، ވަކިވަކިން ގިނަގިނައިން ކުރު ބްރޭކުތައް ނެގުމުން ލިބޭ ޖިސްމާނީ އަދި ނަފްސާނީ އަރާމު މާ ބޮޑަށް ދެމިހުންނަކަން މި ހޯދުންތަކުން ވަނީ ހާމަވެފައެވެ.
މީގެއިތުރުން، އޮފީސްތަކުގައި މެދުކެނޑުމެއް ނެތި ގިނަ ދުވަހު މަސައްކަތް ކުރުމަކީ މުވައްޒަފުންގެ މެދުގައި ސްޓްރެސް ބޮޑުވެ، މަސައްކަތުގެ މައްޗަށް ފޫހިކަން އުފެދުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން، ކޮންމެ ދެ މަހަކުން އެއްފަހަރު މަސައްކަތުގެ މާހައުލާ ދުރަށް ޖެހިލައި ކުރު ދަތުރެއް ނުވަތަ އަރާމުކޮށްލާނެ ވަގުތުކޮޅެއް ހޯދުމަކީ މަސައްކަތުގެ ފިއްތުންތައް އެއްފަހަރާ ފުނިޖެހި، ސިއްހަތަށް ނުރައްކާވިޔަނުދީ ހިފެހެއްޓުމަށް އޮތް އެންމެ ރަނގަޅު އެއް ހައްލު ކަމަށް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.
ދިރާސާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މުވައްޒަފުންނަށް މިފަދަ ކުރު ޗުއްޓީތައް ލިބުމަކީ ހަމައެކަނި މުވައްޒަފަށް ލިބޭ ފައިދާއެއް ނޫނެވެ. އޭގެ ސަބަބުން ކުންފުނިތަކާއި އޮފީސްތަކުގެ އުފެއްދުންތެރިކަން އިތުރުވެ، މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތަކަށް އެނބުރި އަންނަނީ އިތުރު ހިތްވަރަކާއި ތާޒާކަމަކާއެކު ކަމަށް ވާތީ، ވިޔަފާރިތަކަށް ވެސް މީގެއިން ބޮޑެތި މަންފާތަކެއް ކުރެއެވެ.
މި ހޯދުންތަކާ ގުޅިގެން މާހިރުން ލަފާދެނީ، އަހަރުގެ އެއް ދުވަސްވަރެއްގައި ހުރިހާ ޗުއްޓީއެއް ހުސްކޮށްލުމުގެ ބަދަލުގައި، އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން ކޮންމެ ދެ މަހުން އެއްފަހަރު ކުރު ބްރޭކުތައް ތާވަލުކުރުމަށެވެ. މިއީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ހިމާޔަތްކުރުމަށާއި، މަސައްކަތުގެ ފެންވަރު މަތިކުރުމަށް މިހާރުން މިހާރަށް ވެސް އަމަލީ ގޮތުން ފެށިދާނެ ވަރަށް ފައިދާހުރި އުކުޅެކެވެ.
