ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މީސްމީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމުން، އާ ލޯބިވެރިޔާ މުޅިން ހާމަނުކޮށް ފޮރުވައިގެން ސްޓޯރީ ލާން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އާ އޭއައި ފީޗާއެއް ތައާރަފުކޮށްފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ މި ޕިކްސެލް އިފެކްޓުގެ ސަބަބުން، ސްޓޯރީޒްއަށް ލާ ފޮޓޯތަކުގައި ހުންނަ މީހުން ނުވަތަ ވަކި ބައިތައް ވަރަށް ފަސޭހަކަމާއެކު ބޭނުން ވަރަކަށް ފުސްކޮށްލުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ.

މި އާ ފީޗާ ބޭނުންކުރާއިރު، ފޮޓޯގައި ހުންނަ މީހުންގެ ތެރެއިން ފޮރުވަން ބޭނުންވާ މީހާ އިންސްޓަގްރާމަށް އިޝާރާތްކޮށް ދެއްކުމުން، އެ މީހެއްގެ ސިފަ ފުސްކޮށްދޭނީ އޭއައި ޓެކްނޮލޮޖީ މެދުވެރިކޮށެވެ. މީގެއިތުރުން އެ މީހަކު ފުސްކުރާނެ މިންވަރު ނުވަތަ ބްލާ ކުރާނެ މިންވަރު އަމިއްލައަށް ކޮންޓްރޯލް ކުރުމުގެ އިހުތިޔާރު ވެސް ބޭނުންކުރާ ފަރާތަށް ލިބިގެންދެއެވެ.

އެހެންކަމުން، ލޯބިވެރިޔާ މުޅިން ނޭނގޭ ގޮތަށް އެއްކޮށް ފޮރުވައިލުމުގެ ބަދަލުގައި، އޭނާއަކީ ކާކުކަން ކޮންމެވެސް ވަރަކަށް ދޭހަވާ މިންވަރަށް ފުސްކޮށްލައިގެން ނުވަތަ އޭނާގެ ސިފަ އެއްގޮތަކަށް ވެސް ވަކިނުވާ ވަރަށް ބްލާކޮށްލައިގެން ވެސް ފޮޓޯ ހިއްސާކުރެވޭނެއެވެ. މިއީ ސޯޝަލް މީޑިއާގައި އާންމުކޮށް ކިޔައި އުޅޭ "ސޮފްޓް ލޯންޗް" ކުރުން ނުވަތަ ގުޅުމެއް ފެށުނުކަން އަންގައިދިނުމަށް ލޯބިވެރިޔާގެ ސިފަ ސިއްރުކޮށްފައި ބެހެއްޓުމަށް ބޭނުންވާ މީހުންނަށް ވަރަށް ފަސޭހަވެގެންދާނެ ކަމެކެވެ.

އިންސްޓަގްރާމުން މި އާ ފީޗާ ޕްރޮމޯޓްކުރަމުން ދަނީ ވެސް ލޯބީގެ ގުޅުންތަކުގައި ސިއްރުވެރިކަން އިހުތިޔާރުކުރާ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ. އެގޮތުން "ސޮފްޓް ލޯންޗިން? ވީ ގޮޓް ޔޫ" ގެ ޝިއާރުގެ ދަށުން މި ފީޗާ އާންމުކުރަން ފަށާފައިވާއިރު، މިއީ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ދަމައިގަތް ކަމަކަށް ވަނީ ވެފައެވެ.

ފޮޓޯތަކުގައި ހުންނަ މީހުންގެ މޫނު ފޮރުވުމަށް އެހެން އެޑިޓިން އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ބަދަލުގައި، ސީދާ އިންސްޓަގްރާމް އެޕްގެ ތެރެއިން މިކަން ކޮށްލެވޭ ގޮތް ހަމަޖެހުމަކީ ޔޫޒަރުންނަށް ލިބުނު ބޮޑު ލުޔެކެވެ. މި އާ އިފެކްޓު މިހާރު ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންސްޓަގްރާމް ޔޫޒަރުންނަށް މަޑުމަޑުން ލިބެމުންނެވެ.