ޤުރްއާނަކީ އެ ފޮތަކަށް އޮންނަ ލޯބި އިންސާނާގެ މުޅި ދިރިއުޅުން ބަދަލުކޮށްދޭ އެންމެ މާތް ކަލާމެވެ. މުސްލިމެއްގެ ހިތުގައި ކީރިތި ޤުރްއާނަށް އޮންނަންޖެހޭ ލޯބީގެ ސަބަބުން، އެމީހާ ދުންޔަވީ ކަންކަމުގެ ތެރޭގައި މަގުއޮޅުނަނުދީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިމުގެ ތެރޭގައި ސާބިތުކޮށްދެއެވެ. ޤުރްއާނަށް ލޯބިކުރުމަކީ ހަމައެކަނި އެ ފޮތް ރީތިކޮށް ކިޔެވުމެއް ނޫނެވެ. ނަމަވެސް އެއީ އެ ފޮތުގެ އާޔަތްތަކާމެދު ފުންކޮށް ވިސްނައި، އެއާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމެވެ.

ކީރިތި ޤުރްއާނުގެ މާތްކަމާއި އޭގެ ސަބަބުން ހިތްތަކަށް ލިބޭ ޝިފާއާ ބެހޭގޮތުން ﷲ ތަޢާލާ ވަނީ ވަރަށް ސަރީހަކޮށް ވަޙީކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿يـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌۭ مِّن رَّبِّكُمْ وَشِفَآءٌۭ لِّمَا فِى ٱلصُُّدُورِ وَهُدًۭى وَرَحْمَةٌۭ لِّلْمُؤْمِنِينَ﴾

މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡާއި ނަޞީޙަތް އަތުވެއްޖެއެވެ. އަދި ހިތްތަކުގައިވާ އެންމެހާ ބަލިތަކަށްވާ ޝިފާއެއްގެ ގޮތުގައެވެ. އަދި މުއުމިނުންނަށްވާ ތެދުމަގާއި ރަޙްމަތެއްގެ ގޮތުގައެވެ." (ސޫރަތު ޔޫނުސް: 57)

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ފާހަގަކުރައްވާ ގޮތުގައި، ކީރިތި ޤުރްއާނަކީ އިންސާނާގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ނުުތަނަވަސްކަމަކާއި، ހިތާމަތަކާއި، އަދި ނަފްސާނީ ނުތަނަވަސްކަމަށް އޮތް އެންމެ އަސަރުގަދަ ފަރުވާއެވެ. ޤުރްއާނާއެކު ވަގުތު ހޭދަކުރާ މީހާއަށް އެ ފޮތުގެ ތެރެއިން އެކަނިވެރިކަމަށް ތަސައްލީއެއް، އަދި ހިތާމަތަކަށް އަލިކަމެއް ލިބިގެންދެއެވެ. ޤުރްއާނަށް ލޯބިކުރާ މީހާގެ ހިތަކީ އެއްވެސް އިރެއްގައި ބޭކާރު ގޮތެއްގައި މާޔޫސްވާނެ ހިތެއް ނޫނެވެ.

ޤުރްއާނަށް އޮންނަ ލޯބި އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް އެ ފޮތުން މިންވަރެއް ކިޔެވުމާއި، އޭގެ މާނަ ދެނެގަތުމަށް މަސައްކަތްކުރުން މުހިންމެވެ. ކޮންމެ ދުވަހަކު ކުޑަ މިންވަރެއް ނަމަވެސް، ޤަވާޢިދުން ކިޔެވުމުގެ އާދަ އަށަގަނެވިއްޖެނަމަ، އެކަމުގެ ސަބަބުން އިންސާނާގެ ރޫޙާނީ ދިރުމަށް ބޮޑު ބަދަލެއް އަންނާނެއެވެ. މިއީ ހަމައެކަނި ދުލުން ކިޔަވާލާ ކިޔެވުމެއްގެ އިތުރުން، އަޚްލާޤާއި އުޅުމަށް އެކަމުގެ ހެޔޮ އަސަރު ފޯރުކޮށްދޭނެ ކަމެކެވެ.

އެހެންކަމުން، ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ އުސް މަޤާމުގައި ބަހައްޓަންޖެހޭ މާތް ފޮތެވެ. އެ ފޮތަށް އޮންނަ ލޯބި އަަޅުގަނޑުމެންގެ ހިތްތަކުގައި ވަރުގަދަކޮށް، އޭގެ ނޫރުން އަޅުގަނޑުމެންގެ ޙަޔާތް އަލިކުރުމުގެ ތައުފީޤު ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެން އެންމެންނަށް މިންވަރުކުރައްވާށިއެވެ!

ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2026.