ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހާއްސަ ސްޓޯލަކާއެކު ބައިވެރިވާން ނިންމައިފިއެވެ. މި އެގްޒިބިޝަންގައި އެސްޓީއޯގެ ސްޓޯލް ހާއްސަކޮށްފައި ވަނީ އެ ކުންފުނީގެ ޖެނެރަލް ޓްރޭޑިން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާޖީގެ ހިދުމަތްތަކާއި އުފެއްދުންތައް ދައްކާލުމަށެވެ.

އެސްޓީއޯ ސްޓޯލްގައި އެސްޓީއޯ ސުޕާމާކެޓުން ލިބެން ހުންނަ އެކި ބާވަތްތަކުގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ވަގުތުން ލުއި ކާނާ ތައްޔާރުކުރާ ސްޓޭޝަނެއް ގާއިމުކޮށްފައި ހުންނާނެއެވެ. އަދި އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހު ވެސް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭ ލިބިގެންދާނެ ކަމަށާއި، ކުންފުނިން ރާއްޖެ އެތެރެކުރާ މުހިންމު އުފެއްދުންތަކާ ބެހޭ މައުލޫމާތު ސްޓޯލުން ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މީގެއިތުރުން، މި އެގްޒިބިޝަންގެ ދެވަނަ ދުވަހު އެސްޓީއޯއިން މުޅިން އާ ބްރޭންޑެއް ބާޒާރަށް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ނެރޭ މި ޕްރޮޑަކްޓް ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ވައްތަރުގެ އައިސްކްރީމާއި އެކި ފޮނިކާތަކެތީގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް ސްޓޯލަށް ޒިޔާރަތްކުރާ އާންމުންނަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އެސްޓީއޯ އެނާޖީގެ ފަރާތުން މިއަހަރު ހާއްސަ ސަމާލުކަމެއް ދެނީ ރާއްޖޭގެ ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ރައްކާތެރިކަމާއެކު ތެޔޮ އުފުލައިދިނުމުގައި ފޯރުކޮށްދޭ ހިދުމަތްތައް ހިއްސާކުރުމަށެވެ. އެގޮތުން މި ދާއިރާގައި ކަސްޓަމަރުންގެ ބޭނުންތަކާއި ޑިމާންޑް ހުރި މިންވަރު ދެނެގަތުމަށް ބޭނުންވާ މާކެޓް ދިރާސާތަކާއި މަޝްވަރާތައް އެސްޓީއޯގެ ސްޓޯލް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ސްޓޯލުގައި ރަޖިސްޓްރީކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ކޮންމެ ދުވަހަކު ނަސީބުވެރިއަކު ހޮވުމުގެ އިތުރުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކޮށްގެން ޑިޝްވޮޝާއެއް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާނެއެވެ. ހޮޓެލް އޭޝިއާ 2026 ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.