އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ލީޑްސް ޔުނައިޓެޑް ކޮޅަށް ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް ވައްދާލި ހެޓްރިކާއެކު މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދިއިރު، ޗެލްސީ އާއި ލިވަޕޫލުން ވެސް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި 5-1 ގެ ތަފާތަކުން ލީޑްސް އަތުން މޮޅުވިއިރު، ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ލިވަޕޫލުން ރަށުން ބޭރުގައި އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީ އަތުން މޮޅުވީ ވެސް 3-0 އިންނެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ފެނާންޑޭސް އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ލޫކް އެއިލިން ލީޑްސް އަށް އެއްވަރުކޮށްދީފައިވަނިކޮށް މެޗުގެ 52 ވަނަ މިނެޓުގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ މޭސަން ގްރީންވުޑް އެވެ. އޭގެ ދެ މިނެޓުފަހުން، ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ.

ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑުޖަހައި، ފެނާންޑޭސްގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އޭގެ އަށް މިނެޓުފަހުން، ޔުނައިޓެޑްގެ ފަސްވަނަ ލަނޑުޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެވެ. ޔުނައިޓެޑަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި ދެން މުހިއްމު ދައުރެއް އަދާކުރީ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެވެ. އޭނާ ވަނީ މި މެޗުގައި ޔުނައިޓެޑުން ޖެހި ފަސް ގޯލްގެ ތެރެއިން ހަތަރު ލަނޑުޖެހުމަށް ފުރުޞަތު ތަނަވަސްކޮށްދީފައެވެ.

އެންމެ ފަހުގެ ޔުއެފާ ސުޕަ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޗެލްސީ އަށް ރޭގެ މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މާކޯސް އަލޮންސޯ އެވެ. މެޗުގެ 27 ވަނަ މިނެޓުގައި އަލޮންސޯ މިލަނޑުޖެހީ ލިބުނު ހިލޭޖެހުމަކުންނެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކްރިސްޓިއަން ޕުލިސިޗް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި މެޗުގައި ޗެލްސީން ޖެހި ފަހު ލަނޑު، ދެވަނަ ޙާފުގެ ކުޅުން ފެށިތާ 13 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޓްރެވާ ޗަލޯބާ އެވެ.

މި މުބާރާތުގައި ރޭ ލިވަޕޫލުން ވަނީ ކެރޯ ރޯޑްގައި ނޯވިޗް ކޮޅަށް ތިން ގޯލް ކާމިޔާބުކޮށްފައެވެ. ލިވަޕޫލުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު، 65 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ކާމިޔާބުކޮށްދިންއިރު އެ ޓީމުގެ ތިންވަނަ ލަނޑު، މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ކާމިޔާބުކޮށްދިނީ މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށެވެ.

މި މެޗުގައި ޖެހި ގޯލާއެކު ސަލާހު ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ޖެހިޖެހިގެން ފަސް ސީޒަނުގެ ފުރަތަމަ މެޗުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބާންލީ އަތުން ރަށުން ބޭރުގައި 2-1 އިން ބްރައިޓަން މޮޅުވިއިރު ވަޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދާފައެވެ. ސައުތެމްޓަން އަތުން 3-1 ގެ ތަފާތަކުން ރަފައެލް ބެނީޓޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެވަޓަން މޮޅުވިއިރު، ލެސްޓާ ސިޓީން ވަނީ 1-0 ގެ ހަނި ނަތީޖާއަކުން ވުލްވްސް ބަލިކޮށްފައެވެ.