ރަސްމާލެ މަޝްރޫއުގެ ދަށުން ވިއްކާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި އެ ޕްރޮޕަޓީ ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެއިން ޕްރޮޕަޓީއެއް ގަންނަ ފަރާތަކުން އެ ވިއްކާލަން ބޭނުންވި ނަމަވެސް ނުވަތަ އެ މީހަކު މަރުވުމުން ވާރުތަވާން އޮތް ނަމަވެސް، އެކަން ކުރެވޭނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދިނުމުން ކަމަށެވެ. އަދި ސަރުކާރުން އެ ހުއްދަ ދޭނީ ކަނޑައެޅިފައިވާ ފީ ނެގުމަށްފަހުގައި ކަމަށްވާއިރު، އެފަދަ ތަންތަން އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގައި މިހާރު ވެސް ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީ ވިއްކައި، ބަދަލުކޮށް އަދި ވާރުތަވާ މުދާ ކަމަށެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއުގައި ވެސް ކަންކަން ހަމަޖެހިގެންދާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެ މީހަކަށް ނުވަތަ އާއިލާއަށް އޮޓޮމެޓިކުން ވިސާ ލިބޭނެ ސަބަބެއް ނޫން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. ވިސާ ދޫކުރުމަކީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު އެ އިދާރާއިން ކުރާ ކަމެއް ކަމަށާއި، ވިސާ ދިނުމާއި ބާތިލުކުރުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ އިމިގްރޭޝަނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ދައުލަތް ތަނަވަސްވެ ތަރައްގީވަމުން ދިއުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ އޮތުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މިއަދު ބޭނުންވަނީ ކުރު މުއްދަތުގެ ވަގުތީ މަންފާއެއް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ދެމިގެންދާ ފަދަ ތަރައްގީގެ ބިޔަ މަޝްރޫއުތައް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.