ޒަމާނީ ޓެކްނޮލޮޖީއާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި، އާ ވިސްނުންތަކާއި އީޖާދުތަކާއެކު ރާއްޖެއިން ޓޫރިޒަމް ސިނާއަތުގެ ލީޑަޝިޕް ދަމަހައްޓަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އިންޓަނޭޝަނަލް ޓޫރިޒަމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދާއި ތަރައްގީގެ އެންމެ މުހިންމު ބިނާއަކީ އަދިވެސް ޓޫރިޒަމެވެ. ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ސަބަބުން މި ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާތީ، އެ ބަދަލުތަކަށް ލޯހުޅުވިގެން ކުރިއަށް ދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ވަރުގަދަކުރުމަށްޓަކައި ޒަމާނީ ހުނަރުތަކަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި، ދިވެހިންގެ ޒަމާންވީ ރިވެތި މެހެމާންދާރީއާއި، ގުދުރަތީ ވެއްޓާއި އަގުހުރި ސަގާފަތް ނުގެއްލޭނެހެން ޑިޖިޓަލް ޒަމާނުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް އެންމެން އެކުވެރިކަމާއެކު މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްތަކުގެ ކުރީ ސަފުގައި ރާއްޖެ ދެމިއޮތުމުގެ އަސްލަކީ ދާއިރާގެ މަސައްކަތްތެރިންނާއި، އާންމު ރައްޔިތުން އަދި ޕާޓްނަރުންގެ ބުރަ މަސައްކަތް ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިންޓަނޭޝަނަލް ޓޫރިޒަމް ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ، ގައުމުތަކުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމުގައާއި ދުނިޔޭގެ މުޖުތަމައުތައް ގުޅުވައިދިނުމުގައި މި ދާއިރާއިން އަދާކުރާ މުހިންމު ދައުރު ހާމަކުރުމުގެ މަގުސަދުގައެވެ.