ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އަލަވޭސް ކޮޅަށް ކަރީމް ބެންޒެމާ ވައްދާލި ދެ ލަނޑާއެކު ރެއާލް މެޑްރިޑުން މޮޅަކާއެކު ފަށައިފިއެވެ. މި މެޗުން ރެއާލް މޮޅުވީ 4-1 އިންނެވެ.

އަލަވޭސްގެ ދަނޑުކަމަށްވާ މެންޑިޒޮރޯޒާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ރެއާލުން ލީޑްނެގީ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ދިން ބޯޅައަކުން ބެންޒެމާ އެވެ. އޭގެ 8 މިނެޓުފަހުން، ނަޗޯ ފެނާންޑޭޒް ވަނީ ލުކާ މޮޑްރިޗް ދިން ޕާހަކުން ރެއާލަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ.

މި މެޗުގައި ރެއާލުން ޖެހި ތިންވަނަ ލަނޑު، 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. ރެއާލުން މިލަނޑުޖެހިތާ ތިން މިނެޓުފަހުން، އަލަވޭސް އަށް ލިބުނު ޕެނަލްޓީއަކުން ހޮސެލޫ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ފޯވާޑް ޖޯން ގިޑެޓީ އަށް ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ރެއާލްގެ ފަހު ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު ޑޭވިޑް އަލަބާ ދިން ބޯޅައަކުން ވިނީޝަސް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މެޔޯކާގެ ދަނޑުގައި 1-1 އިން ރެއާލް ބެޓިސްއާ އެއްވަރުވިއިރު ކާޑިޒްއާ ދެކޮޅަށް ލެވަންޓޭ ކުޅުނު މެޗު ވެސް ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. އޮސަސޫނާގެ ދަނޑުގައި އެސްޕަންޔޯލްއާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ރަށުން ބޭރުގައި ސެލްޓާ ވިގޯއާ ދެކޮޅަށް ނިކުންނައިރު، ބާސެލޯނާގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.