ޓޫރިސްޓުން ރާއްޖެ އިހުތިޔާރުކުރަނީ ގައުމުގެ ރީތިކަމަށް ބަލައިގެން ކަމަށް ވިޔަސް، އެ މީހުން ރާއްޖެއަށް ކުރާ އިތުބާރު ބިނާވާނީ ސަލާމަތާއި ރައްކާތެރިކަން އިހުސާސްކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގައި ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔާ ސެކިއުރިޓީ އެންޑް ސޭފްޓީ އިންޑަސްޓްރީ (މަފްސީ) އިން އިންތިޒާމްކޮށްގެން ބޭއްވި "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް މޯލްޑިވްސް 2026" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ޓޫރިޒަމް އޮތް އެއް ގައުމު ކަމަށެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުން ތަޖުރިބާކުރާ ހިތްފަސޭހަކަމުގެ އެންމެ ބޮޑު ސިއްރަކީ ވެސް ރައްކާތެރިކަން ކަމަށް ވިދާޅުވިއެވެ.

ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައްކާތެރިކަމަކީ ހަމައެކަނި ސަރުކާރުގެ ނުވަތަ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓާއި މަޝްހޫރުކަމުގެ ވެސް މުހިންމު ބައެއް ކަމަށާއި، އެކަން ހިމާޔަތްކުރުމަކީ މުޅި ސިނާއަތުގައި ހަރަކާތްތެރިވާ އެންމެންގެ ވެސް މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމްގެ ސަލާމަތީ މާހައުލު ވަރަށް ބޮޑަށް ބަދަލުވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، މިހާރު ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު އެއީ ހަމައެކަނި އާންމު ކުށްތަކާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަލިފާނުގެ ހާދިސާތަކާއި އެކްސިޑެންޓްތަކުގެ އިތުރުން ކަނޑުމަތީގެ ހާދިސާތަކާއި، މޫސުމީ ބަދަލުތަކާއި، ސައިބާ ހަމަލާތަކާއި ޑޭޓާ ލީކުވުން ފަދަ އާ ގޮންޖެހުންތަކާ މިއަދު ކުރިމަތިލާންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ގައުމަކަށް މިފަދަ ގޮންޖެހުންތައް ވަކިން ބޮޑަށް އުނދަގޫވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ހާދިސާއެއް ހިނގުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެންމެން ގުޅިގެން ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ޓޫރިޒަމްގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ވާހަކަ ނިންމަވާލައްވާފައެވެ.