ރައްޔިތުންނަށް އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ގޮތަކަށް ޔުޓިލިޓީގެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އަސާސީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ޔުޓިލިޓީ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާ އެކު ބޭއްވި ހާއްސަ މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި ފެނަކަ ކޯޕަރޭޝަންގެ އެންމެ އިސްވެރިންގެ އިތުރުން ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ އިސް މަސްއޫލުވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، އެ ހިދުމަތްތައް ދިނުމުގައި މިހާރު ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ. އެގޮތުން އަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދު ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލު ބަދަލުކުރެވިފައެވެ.

މި މަޝްވަރާތަކުގައި މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތްތަކަކީ އެއްވެސް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ލިބެންޖެހޭ އަސާސީ ހައްގެއް ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ފަދަ ފެންވަރު ރަނގަޅު ހިދުމަތެއް ކަށަވަރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ޔުޓިލިޓީގެ ހިދުމަތް ދޭ ހުރިހާ ކުންފުނިތަކާއި މުއައްސަސާތައް ގުޅިލާމެހިގެން އެއް މިސްރާބަކަށް މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ހުރިހާ މުއައްސަސާތަކަކުން ވެސް ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އިސްކަންދީގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.