މިދިޔަ އޮގަސްޓު މަހު ރާއްޖޭގައި އަސާސީ ތަކެތީގެ އެވްރެޖް އަގުތައް 1.15 ޕަސަންޓު ދަށްވެފައިވާ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ. ނަމަވެސް މަހުން މަހަށް ބަލާއިރު އަގުތަކަށް މި ބަދަލު އައި ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު އަސާސީ ތަކެތީގެ އަގު ވަނީ 0.76 ޕަސަންޓު އުފުލިފައެވެ.
އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މުދަލުގެ އަގުތައް އެންމެ ބޮޑަށް އުފުލުނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. އެ މަހު މުދަލުގެ އަގުތަކުން ތިން ޕަސަންޓުގެ ބޮޑުވުމެއް ރެކޯޑުކުރެވުނު ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.
އޮގަސްޓު މަހު ޖުމްލަ ގޮތެއްގައި އަސާސީ ތަކެތީގެ އަގު ހެޔޮވި ނަމަވެސް، އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ބައެއް ބާވަތްތަކާއި ހިދުމަތްތަކުގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން އެންމެ ބޮޑަށް އަގު މައްޗަށް ދިޔައީ އެކޮމޮޑޭޝަން ހިދުމަތްތަކުންނެވެ. އެއީ 2.72 ޕަސަންޓުގެ އުފުލުމެކެވެ. މީގެ އިތުރުން މުވާސަލާތީ ހިދުމަތްތަކުން 2.23 ޕަސަންޓު، ތަރުކާރީއާއި މޭވާ އަދި ކިރާއި ބިހުގެ ބާވަތްތަކުން 1.19 ޕަސަންޓު ވަނީ މައްޗަށް ގޮސްފައެވެ.
ރާއްޖެއަކީ ކާބޯތަކެއްޗާއި އެހެނިހެން މުދަލަށް އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ސީދާ ގޮތެއްގައި ފޯރައެވެ. ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާއި ބައިނަލްއަގުވާމީ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގުތައް އުފުލުމުގެ ބިރު އަބަދުވެސް އޮވެއެވެ.
މީގެ އިތުރުން މިއަހަރަކީ ބޭރުގެ ދަރަނީގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ދައްކަންޖެހޭ އަހަރަކަށްވުމާއެކު، އަހަރުގެ ބާކީ އޮތް ބައިގައި ރާއްޖޭގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ފަދަ ބޭރުގެ މާލީ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
