ރ. އަނގޮޅިތީމުގައި އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކު ނަމާދަށް ހުއްޓައި، މަރާލާނެ ކަމަށް ބުނެ ބިރުދައްކައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަނގޮޅިތީމުގައި ދޮށީ އުމުރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 8:30 ހާއިރު ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ރޭ 9:57 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި ރޭ އިޝާ ނަމާދަށް ހުއްޓައެވެ. މި ހާދިސާ ހިނގައިދިޔަ ގޮތުގެ އިތުރު ތަފްސީލެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އުމުރުން ދުވަސްވީ އަންހެން މީހާއަށް އަނގޮޅިތީމު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ. އަދި ފަރުވާއަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމެއް ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.