އިންސާނާގެ ހަށިގަނޑުން ބުރިވާ ނުވަތަ ގެއްލޭ ގުނަވަންތައް އަލުން އުފެއްދުމަށް މަގުފަހިކޮށްދޭ ފަދަ އިންގިލާބީ "ރީޖެނެރޭޓިވް ސީރަމް" އެއް އުފެއްދުމުގެ ދިރާސާތަކެއް ސައިންސްވެރިން ފަށައިފިއެވެ.

ޕޮޕިއުލާ މެކޭނިކްސް އަދި ބައިނަލްއަގުވާމީ ސައިންސް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދިރާސާ ބިނާވެފައިވަނީ އިންސާނާ ބަނޑުގައި އުފެދި ބޮޑުވަމުން އަންނައިރު ގުނަވަންތައް އުފައްދައިދޭ މުހިންމު ޖެނެޓިކް ސިފަތައް އުފަންވުމަށް ފަހު ހުއްޓުމަކަށް އަންނަ މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.

މި އާ ދިރާސާގައި ސައިންސްވެރިން މަސައްކަތްކުރަނީ، ތުއްތު ދަރިފުޅު އުފެދޭ ދުވަސްވަރު އެކަނި ހަރަކާތްތެރިވާ "ޑޯމަންޓް" ނުވަތަ ނިދާފައިވާ ޖީންތައް އަލުން ދިރުވައި ހޭލެއްވުމަށެވެ. މި ދިރާސާއަށް ބާރު ލިބެނީ ޖަޕާނުގެ ސައިންސްވެރިޔާ ޝިންޔާ ޔަމަނަކާ ހޯއްދެވި ސެލިއުލާ ރީޕްރޮގްރާމިން ހޯދުންތަކަށާއި، ސަލަމަންޑާ ފަދަ ގުދުރަތީ ގޮތުން ގުނަވަން އަލުން އުފައްދާ ޖަނަވާރުތައް ބޭނުންކޮށްގެން އެމެރިކާގެ ޓަފްޓްސް ޔުނިވާސިޓީގެ ސައިންސްވެރިޔާ މައިކަލް ލެވިން ކުރައްވާފައިވާ އިލެކްޓްރޯ-ބަޔޮލޮޖިކަލް ދިރާސާތަކަށެވެ.

ޖަނަވާރުތައް ބޭނުންކޮށްގެން މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުން ފެނިފައިވާ ގޮތުގައި، ހާއްސަ ކެމިކަލް މާހައުލެއްގެ ތެރޭގައި ހަށިގަނޑުގެ އާންމު ސެލްތައް "ބަޔޮލޮޖިކަލް ރީޕްރޮގްރާމިން" ހާލަތަކަށް ގެންދެވިދާނެއެވެ. މި ހާލަތުގައި ސެލްތައް އަލުން ބައިބައިވެ، އާ ޓިޝޫ އުފެއްދުމުގެ ގާބިލުކަން އަލުން ހޯދައެވެ. މިކަމުގެ ސަބަބުން ކަނޑައިގެންދާ މަސްތަކާއި ކަށިތައް ގުދުރަތީ ގޮތުން އަލުން އުފެދުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.

ނަމަވެސް ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، މި ޓެކްނޮލޮޖީ އިންސާނުންގެ ހަށިގަނޑުގައި ބޭނުންކުރުމާ އަދި ވަރަށް ދުރެވެ. މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ސެލްތައް ބައިބައިވުން ކޮންޓްރޯލުން ނެއްޓި، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ނުވަތަ ގުނަވަންތައް ނުބައިކޮށް އުފެދުމަށް މަގުފަހިވެދާނެތީ އެކަން ރަނގަޅަށް ކޮންޓްރޯލް ކުރަން ދަސްނުވުމެވެ.

މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކްލިނިކަލް މަރުހަލާތަކުގައި މި ސީރަމް ކާމިޔާބުވެއްޖެނަމަ މުޅި މެޑިކަލް ސައިންސަށް ބޮޑު އިންގިލާބެއް އަންނާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓްތަކުގައާއި ހަނގުރާމަތަކުގައި އަތާއި ފައި ފަދަ ގުނަވަންތައް ގެއްލޭ މީހުންނަށް، އާޓިފިޝަލް ގުނަވަންތަކުގެ ބަދަލުގައި އަމިއްލަ ގުދުރަތީ ގުނަވަން އަލުން ހެއްދުމުގެ އުއްމީދު ހަގީގަތަކަށް ވެގެންދާނެއެވެ.