ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ސްޓްރަސްބޯގް އަތުން 4-2 އިން ޕީއެސްޖީ މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިއްލެ ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނީސް އަތުން ބަލިވެފައެވެ.
ރޭގެ ނަތީޖާއާއެކު މިހާތަނަށް ކުޅުނު ދެ މެޗަށްފަހު ތާވަލްގެ އެއްވަނައިގައި އޮތް ޕީއެސްޖީ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ނީސް އެވެ. ލޮރިއެންޓް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ނީސް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ލިއްލެ އޮތީ އެއް ޕޮއިންޓާއެކު 16 ވަނައިގައެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތުމުގެ ކުރީން، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ގެނައި ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ، ސާޖިއޯ ރާމޯސް، ޖޯޖީނިއޯ ވައިނަލްޑަމް، ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި އަޝްރަފް ހަކީމީ ވަނީ ސަޕޯޓަރުންނަށް ތަޢާރަފްކޮށްފައެވެ. މި ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅުނީ ވައިނަލްޑަމް އާއި ހަކީމީ އެކަންޏެވެ.
ޕާކް ޑެސް ޕްރިންސަސްގައި ރޭ ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑްނަގައިދިނީ މައުރޯ އިކާޑީ އެވެ. އޭގެފަހުން، ޕީއެސްޖީން ވަނީ ދެ މިނެޓުގެ ތެރޭގައި އިތުރު ދެ ލަނޑުޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރީން 3-0 ގެ ލީޑެއްނަގާފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު، 25 ވަނަ މިނެޓުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޖެހިއިރު، އޭގެ ދެ މިނެޓުފަހުން ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޫލިއަން ޑްރެކްސްލާ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ސްޓްރަސްބޯގް އިން ގާތްގާތުގައި ޖެހި ދެލަނޑާއެކު ފަރަގު ކުޑަކުރިއެވެ. އެ ޓީމު ދެ ލަނޑުޖަހައިދިނީ ކެވިން ގަމެއިރޯ އާއި ލުޑޮވިކް އަޔޯކޭ އެވެ. ނަމަވެސް، މެޗުގެ 81 ވަނަ މިނެޓުގައި ސްޓްރަސްބޯގުގެ އަލެކްސެންޑަ ޖީކޫ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނުއިރު، އޭގެ ފަސް މިނެޓުފަހުން ޕީއެސްޖީގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ސްޕެއިނުގެ ވިންގާ ޕަބްލޯ ސަރާބިއާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ލިއްލެ ވަނީ ނީސް އަތުން 4-0 އިން ބަލިވެފައެވެ. މި މެޗުގައި ނީސް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ކެސްޕާ ޑޮލްބާގް ވަނީ ދެލަނޑުޖަހާފައެވެ. އަނެއް ދެލަނޑުޖަހައިދިނީ ހިޝާމް ބުދާއުއީ އާއި އަމީން ގުއީރީ އެވެ.
