ވަޒީފާ އަދާކުރުމުގެ ބަދަލުގައި އަމިއްލަ ޝައުގުވެރިކަމަށް ބިނާކޮށް ވިޔަފާރިއެއް ފަށައި، ސޯޝަލް މީޑިއާ މެދުވެރިކޮށް އަސާރަ (ޕިކަލް) ފަދަ އާދައިގެ އުފެއްދުންތައް ވިއްކައިގެން މިލިއަން ޑޮލަރުގެ ކާމިޔާބީ ހޯދުމުގެ ވިސްނުން ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަން ފަށައިފިއެވެ.

މިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކަށް ވެގެން ގޮސްފައިވަނީ އެމެރިކާގެ ދެ ޒުވާނުން ފެށި "ހޮޓް ގާލް ޕިކަލްސް" ވިޔަފާރިއެވެ.

ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާ އިން ބައްދަލުވި ދެ އެކުވެރިން ކަމަށްވާ ލިއާ މާކަސް އަދި ޔަސަމަން ބަޚްތިޔާރު ވަޒީފާ ދޫކޮށްލުމަށް ފަހު ފެށި މި ވިޔަފާރީގެ މިލްކިއްޔާތު މިހާރު ވަނީ 8.5 މިލިއަން އެމެރިކާ ޑޮލަރު އަށް އަރާފައެވެ. މި ކާމިޔާބީއާއެކު، އާދައިގެ ކާބޯތަކެތި އުފައްދައިގެން ޒުވާނުންނަށް ކާމިޔާބު ވިޔަފާރިވެރިންނަށް ވެވިދާނެކަން ވަނީ ސާބިތުކޮށްދީފައެވެ.

މި ވިޔަފާރީގެ ބިންގާ އެޅުނީ 2023 ވަނަ އަހަރު، މި ދެ އެކުވެރިން ޓިކްޓޮކްގައި އަސާރައާ ބެހޭގޮތުން ހިއްސާކުރި މަޖާ ވީޑިއޯތަކުންނެވެ. އޮންލައިންކޮށް ލިބުނު ބޮޑު ތަރުހީބަށް ބަލައި، އެ ދެ ޒުވާނުން ވަނީ ފެބުރުއަރީ 2024 ގައި "ގުޑް ގާލް ސްނެކްސް" ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކޮށް އުފެއްދުންތައް ބާޒާރަށް ނެރެފައެވެ. އިންޓަނެޓުން ވިއްކަން ފެށި މި ބްރޭންޑް މިހާރު ވަނީ އެމެރިކާގެ މަޝްހޫރު ސުޕަމާކެޓްތައް ކަމަށްވާ ހޯލް ފުޑްސް މާކެޓް އަދި އެރެވޮން ފަދަ ފިހާރަތަކުގެ ހަރުގަނޑުތަކުން ޖާގަ ހޯދާފައެވެ.

އިންވެސްޓަރުންގެ އިތުބާރު ހޯދައި، މި ކުންފުންޏަށް މިހާރު ވަނީ 3 މިލިއަން ޑޮލަރުގެ ސީޑް ފަންޑިން ވެސް ލިބިފައެވެ. މާހިރުން ފާހަގަކުރާ ގޮތުގައި މި ދެ ޒުވާނުންގެ ވިޔަފާރީގެ ކާމިޔާބީގެ ސިއްރަކީ، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އުފެއްދުމަކަށް ޒަމާނީ އަދި ޝައުގުވެރި ނަމެއް ދީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންގެ ބޮޑު ކޮމިއުނިޓީއެއް ބިނާކުރުމެވެ.

މިފަދަ ކާމިޔާބު ވާހަކަތަކުގެ ސަބަބުން، އޮފީސް މާހައުލުގެ ވަޒީފާތަކުން ވަކިވެ، ކާބޯތަކެތީގެ ސަގާފީ އުފެއްދުންތައް އާ ވިސްނުމަކާއެކު ބާޒާރަށް ނެރެގެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ރޫހު ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންގެ މެދުގައި އިތުރުވަމުންނެވެ.