ޗައިނާގެ ސައިންސްވެރިން ވަނީ އުކުނުގެ ޒަރީޢާއިން އިންސާނުންގެ ހަށިގަނޑަށް ފެތުރޭ އާ ވައިރަހެއް ހޯދާފައެވެ. 'އޭޝިއަން އޮންގްހޯންޑް ޓިކް ނައިރޯވައިރަސް' ގެ ނަން ދެވިފައިވާ މި ވައިރަހުގެ ސަބަބުން އިންފްލުއެންޒާ ފަދަ ރޯގާތަކުގެ އަލާމާތްތައް ފެންނަކަން ސައިންސްވެރިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހޯދުމުގެ ސަބަބުން މީގެ ކުރިން ސަބަބު ދެނެގަނެވިފައިނުވާ ގިނަ ބަލިމަޑުކަންކަމަށް ސައިންސްގެ އަލީގައި ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި ވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، އާދަޔާޚިލާފަށް ވަރުބަލިވުމާއި، ބަނޑުގެ މައްސަލަތައް (ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަތައް) ކުރިމަތިވުން ހިމެނެއެވެ. މީގެ އިތުރުން، ލޭގެ ޕްލޭޓްލެޓްސް ދަށްވުމާއި ވިހަ މާއްދާތައް ސާފުކުރުމަށް އެހީވެދޭ ފުރަމޭގެ އެންޒައިމްތައް މަތިވުން ފަދަ ސިއްހީ ނުރައްކާތައްވެސް ބަލިމީހުންގެ ކިބައިން ފެނިފައިވެއެވެ.

ސައިންސްވެރިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، ހަމައެކަނި "އޭ.އެލް.ޓީ.އެން.ވީ" ވައިރަސް ޖެހުނު ބަލިމީހުންގެ ސިއްހީ ހާލަތު ރަނގަޅުވެ، އެމީހުން ވަނީ އެކީގައި ރަނގަޅުވެފައެވެ. ނަމަވެސް، މި ވައިރަހާއެކު އުކުނުގެ ޒަރީޢާއިން ފެތުރޭ އެހެން ނުރައްކާތެރި ވައިރަހެއް ކަމަށްވާ 'ޑާބީ ބެންޑާވައިރަސް' އެކުއެކީގައި ޖެހުނު ބަލިމީހުންނަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހުނެވެ.

މި ދެ ވައިރަސް އެއްފަހަރާ ހަށިގަނޑަށް ވަދެގެން އިންފެކްޓްވި ބަލިމީހުންގެ ނޭވާލާ ނިޒާމަށާއި ގުރުދާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިއްހީ ނުރައްކާތެރި އުނދަގޫތަކާ ކުރިމަތިވިއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސިއްހީ ދާއިރާއިން ބަލި ދެނެގަންނަ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އުކުނުގެ ޒަރީޢާއިން ފެތުރޭ ބަލިތަކާމެދު ސަމާލުވުން މުހިންމެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.