ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށްޓަކައި، އެންވަޔަރަމެންޓް މިނިސްޓްރީ އާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހާއްސަ "ޓްރީ ގާޑިއަން ބެޖް" މިއަދު ރަސްމީކޮށް ތައާރަފުކޮށްފިއެވެ. ޒުވާނުންނާއި ކުޑަކުދިން ގަސް އިންދުމުގެ ގައުމީ ހަރަކާތްތަކަށް އަހުލުވެރިކުރުމުގެ މަގުސަދުގައި ލޯންޗުކުރި މި ބެޖު ނެރެދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފެވެ.
މިކަމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދެ ފަރާތުގެ ދެމެދުގައި ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހްމަދު އަތީފެވެ. އަދި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ހަނީފެވެ.
މި ބެޖު ހާސިލުކުރެވޭނެ އުސޫލުތައް ބަޔާންކޮށް މިހާރު ހާއްސަ ގައިޑްލައިނެއް އެކުލަވާލާފައިވާއިރު، މި ޕްރޮގްރާމުގެ ދަށުން ސްކައުޓުން އިންދުމަށް ބޭނުންވާ ގަސްތައް ފޯރުކޮށްދޭނީ އެންވަޔަރަމެންޓް މިނިސްޓްރީންނެވެ. މީގެއިތުރުން، ސްކައުޓުން އިންދާ ގަސްތައް ފުރިހަމައަށް ހެދެންދެން އެ ތަކެތި ބަލަހައްޓައި މޮނިޓާ ކުރުމުގެ ޒިންމާ ވެސް އެ ކުދިން އަދާކުރަންޖެހެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފު ވިދާޅުވީ، ފަސް މިލިއަން ގަސް އިންދުމުގެ ވައުދަކީ ބިން ހިއްކުމާއި ތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެ ތަންތަން ފެހިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި ސްކައުޓުން މި މަސައްކަތުގައި ބައިވެރިވުމަކީ ޕްރޮގްރާމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މި ބެޖަކީ ސްކައުޓުންނަށް ވަރަށް މުހިންމު އަދި ބޭނުންތެރި އެއްޗަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ މި ބޮޑު މަޝްރޫއުގެ ދަށުން، މި އަހަރުގެ މިހާތަނަށް 2.3 މިލިއަން ގަސް ވަނީ އިންދާފައެވެ. އަދި މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން ރާއްޖޭގެ 20 ރަށެއްގައި ގަސް ހައްދާ ނާސަރީތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
