ގައުމަށް ހަމައެކަނި ފިކުރީ ވިސްނުންތަކާއި އިލްމީ ސިކުނޑިތަކެއް އުފަންކޮށްގެން ފުދެން ނެތް ކަމަށާއި، ބޭނުންވަނީ އަހުލާގީ ގޮތުން ހަރުދަނާ ސިފަތަކެއް ހުރި ޖީލެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ މިއަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ހީނާ ވިދާޅުވީ، ދަސްވެނިވި ދަރިވަރުންނަކީ ހަމައެކަނި މައުލޫމާތުން މުއްސަނދި ބަޔަކަށް ވުމުގެ ބަދަލުގައި، އިލްމީ ތެދުވެރިކަމާއި ނަފުސުގެ އަހުލާގު އިސްކުރާ ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމާއި، އެކަކު އަނެކަކުގެ ހިޔާލަށް އިހުތިރާމްކުރުމާއި، ކަންކަމުގެ ހަގީގަތް ހޯދައި ބެލުން ފަދަ ތަހުޒީބީ ސިފަތައް އަށަގަންނުވަން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ގައުމެއްގައި އިލްމީ ރޫހެއް ބިނާކުރެވެނީ ތައުލީމީ އަދި ތަރުބަވީ ނިޒާމުގެ ތެރެއިން ކަމަށްވާއިރު، ގައުމު އެއް ޖީލުން އަނެއް ޖީލަށް ނަގަހައްޓައިދިނުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ އުނގަންނައިދިނުމުގެ ދާއިރާގެ ބޭފުޅުންގެ ކޮނޑުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ތައުލީމު ފޯރުކޮށްދިނުމުގައި މިފަދަ އަގުތައް ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ހާސިލުކުރާ ސަނަދަކީ ހަމައެކަނި ލިޔުމެއް ނޫން ކަމަށާއި، ލިބިފައިވާ ހުނަރާއި ގާބިލުކަމުގެ ބޭނުން ހިފައިގެން ގައުމަށް ހިދުމަތްކުރުމަށް ދަސްވެނިންނަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި ގައުމުގެ އިޖުތިމާއީ ފޭރާމާއި އަހުލާގީ މިންގަނޑާމެދު ފުންކޮށް ވިސްނައި، ހާލަތު ބަދަލުކޮށް ކަންކަން ހަމަމަގަށް އެޅުވުމަށް އިސްނަގައިގެން މަސައްކަތްކުރާ ބަޔަކަށް ވުމަށް ވެސް މިނިސްޓަރު ހީނާ ވަލީދު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވިލާ ކޮލެޖުގެ މި ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގައި، ހިންގުމުގެ ދާއިރާއިންނާއި އުނގަންނައިދިނުމުގެ ދާއިރާއިން ޖުމްލަ 201 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައެވެ.