މަގު ކޮނުމާއި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ފަރާތްތަކުގެ އިހުމާލުން ކަރަންޓު ކޭބަލް ބުރިވުން ފަދަ ގެއްލުމެއް ލިބިއްޖެނަމަ، އެ ފަރާތެއް ޒިންމާދާރުކުރުވައި، އަލުން ހިދުމަތް ދިނުމަށް ހިނގާ ހުރިހާ ހަރަދެއް އެ ފަރާތެއްގެ އަތުން ނެގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯއިން މި ފިޔަވަޅު އަޅަން ނިންމީ ކަރަންޓު ވިއުގައަށް ދޭ ގެއްލުންތަކުގެ ސަބަބުން ހިދުމަތް މެދުކެނޑި، އާންމު ރައްޔިތުންނަށް އިންތިހާއަށް ތަކުލީފުތަކާ ކުރިމަތިލާން ޖެހެމުންދާތީއެވެ.
އެ ކުންފުނިން ބުނީ އެކި ފަރާތްތަކުން މަގު ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލްތަކަށް ގެއްލުންދޭ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މި ހަފުތާ ތެރޭގައި ވެސް ހުޅުމާލެ ފޭސް 1 ގެ ކުރެދިމާ ހިނގުމުގައި އަމިއްލަ ފަރާތަކުން ކުރިއަށްގެންދިޔަ އިމާރާތްކުރުމުގެ މަސައްކަތެއްގެ ތެރެއިން ބިން ކޮނުމުގައި ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، ކަރަންޓު ކެނޑުމުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މިފަދަ ކަންކަން ތަކުރާރުވަމުންދާތީ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހުނީ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބުމުން މަރާމާތުކޮށް ހިދުމަތް އަލުން ފޯރުކޮށްދިނުމަށް ބޮޑު ހަރަދެއް ހިނގާއިރު، މީގެ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހެނީ ހިދުމަތް ލިބިގަންނަ އާންމު ރައްޔިތުންނެވެ. އެހެންކަމުން މިފަދަ އިހުމާލުތައް ހުއްޓުވުމަށްޓަކައި، ކޭބަލް މަރާމާތުކޮށް އަލުން ހިދުމަތް ގާއިމުކުރުމަށް ދާ ހުރިހާ ހަރަދަކަށް އެ މަސައްކަތެއް ހިންގި ފަރާތަކުން ޒިންމާވާންޖެހޭ ގޮތަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
މިއީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އުނދަގޫތަކުން ސަލާމަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ކަށަވަރުކުރުމަށް ނިންމި މުހިންމު ނިންމުމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން އިމާރާތްކުރުމާއި، މަގު ކޮނެގެން އެކި މަސައްކަތްތައް ހިންގާ ހުރިހާ ފަރާތްތަކުން ވެސް ބިމުގެ އަޑީގައި އަޅާފައިވާ ކަރަންޓު ވިއުގައަށް އެއްވެސް ގެއްލުމެއް ނުވާނޭހެން، ކުރިއާލައި ވިސްނައި ޒިންމާދާރުކަމާއެކު މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
