ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއިން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި ޕައިލެޓުންގެ މެދުގައި ނުރައްކާތެރި މާރާމާރީއެއް ހިންގުމާ ގުޅިގެން، އެ ބޯޓުގެ މިސްރާބު ބަދަލުކޮށް ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް މިއަދު ކުއްލި ހާލަތުގައި ޖައްސައިފިއެވެ. ގާތްގަނޑަކަށް 150 އާއި 180 އާ ދެމެދުގެ އަދަދަކަށް ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިޓް އެފްޒެޑް1073 ގައި ހިނގި މި ހާދިސާގައި ދެ ޕައިލެޓުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.

މި ހާދިސާ ހިނގާފައިވަނީ ބޯޓު ނައްޓާލިތާ ދެ ގަޑިއިރެއްހާއިރު ފަހުން، ސައޫދީ އަރަބިއްޔާގެ އުތުރު ހުޅަނގު ސަރަހައްދުގެ ވައިގެ ސަރަހައްދުން ޖޯޑަންގެ ބޯޑަރު ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، ދެ ޕައިލެޓުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި އެއް ޕައިލެޓު އަނެއް ޕައިލެޓަށް ވަޅިން ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތްކޮށްފައިވެއެވެ. މި ހަމަނުޖެހުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯޓު ވަނީ އެތައް ހާސް ފޫޓެއް ތިރިއަށް ވެއްޓިގެން ގޮސްފައެވެ.

ހާދިސާ ހިނގި ވަގުތު ކޮކްޕިޓް ތެރެއިން ހަޅޭކުގެ އަޑު އިވި، ބޯޓުގައި ތިބި ފަސިންޖަރުންނާއި ކްރޫއިން ގުޅިގެން ވަނީ ކޮކްޕިޓް ތެރެއަށް ވަދެ ހަމަލާދިން ޕައިލެޓު ހުއްޓުވައި ކޮންޓްރޯލް ކޮށްފައެވެ. ފްލައިޓް ޓްރެކިން މައުލޫމާތުތައް ދައްކާ ގޮތުގައި، ބޯޓުން ވަނީ ކުއްލި ހާލަތުގެ އާންމު ސިގްނަލްގެ އިތުރުން، ބޯޓު ހައިޖެކް ކުރުމުން ފޮނުވާ ސިގްނަލް ވެސް ފޮނުވާފައެވެ. މި ހާދިސާއާ ގުޅިގެން އިޒްރޭލުން ވަނީ އެ ގައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވެސް ވައިގެ ތެރެއަށް ނެރެ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހޫ ބުނީ، މިއީ ސަލާމަތީ ގޮތުން ނުރައްކާތެރި ހަމަލާއެއް ދޭން އުޅުމުގެ އަމަލެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި ބޯޓުގައި ތިބި ފަސިންޖަރުންގެ ހާލު ރަނގަޅު ކަމަށާއި، އެ މީހުން އެނބުރި އިޒްރޭލަށް ގެންދިއުމުގެ ކަންކަން ސަރުކާރުން ވިލަރެސްކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

މި މާރާމާރީގައި ޒަހަމްވި ކެޕްޓަނާއި ފަސްޓް އޮފިސަރަށް މިހާރު ދަނީ ސައޫދީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބާއި، ހަމަލާދިން ޕައިލެޓުގެ މައުލޫމާތު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ހިންގަމުންނެވެ.