ތ. ވަންދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި 61 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލަ ރަސްމީކޮށް ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ވަންދޫ މިސްކިތުގެ މުދިމެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. ނަމަވެސް، ފުލުހުން އަދި އެ މީހާގެ ވަނަވަރާއި އޭނާއާ ބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، ވަންދޫގައި ސިހުރު ހެދި ކަމަށް ބުނާ މި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 18:05 ހާއިރު ކަމަށެވެ. އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ ސީނަށް ގޮސް އެ މައްސަލައިގެ ތުހުމަތުގައި 61 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސިހުރު ހެދުމާއި ބާތިލު ކަންކަން ކުރުމުގެ ތުހުމަތުތަކަކީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ދޭތެރެދޭތެރެއިން ފެންމަތިވާ މައްސަލަތަކެކެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަމާއި ކުރަންޖެހޭ އިތުރު ތަހުގީގުތައް އެ އިދާރާއިން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
