މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއު އެއްކޮށް ނިމުމުން، ވެރިރަށް މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރާއްޖޭގެ އިގްތިސާދަށް ބޮޑު އިންގިލާބީ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތިލަފުށީގައި ތަރައްގީކުރަމުން އަންނަ އައު ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް މިއަދު ސީދާ އެ ސައިޓަށް ޒިޔާރަތްކުރައްވައި ބައްލަވާލެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މަޝްރޫއުގެ އެކި މަރުހަލާތަކުގެ އަދާހަމަ މައުލޫމާތު އޮޅުންފިލުއްވައި، މަސައްކަތް ކުރިއަށްދާ ސްޕީޑާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހޭކަން ހާމަކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މާލޭގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ މީގެ 40 އަހަރު ކުރީގެ ހާލަތަށް ބަލައިގެން ތައްޔާރުކޮށްފައިވާ ތަނަކަށްވާތީ، ޖާގައިގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. އަދި ރާއްޖޭގެ އިގްތިސާދު ފުޅާވަމުން އަންނަ މިންވަރާއި، ކުރިއަށް ރޭވިފައިވާ ބޮޑެތި މަޝްރޫއުތަކަށް އެކަށީގެންވާ ޒަމާނީ ބަނދަރެއް ބޭނުންވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ތިލަފުށީގެ އައު ޕޯޓާއެކު ހިދުމަތްތައް ކުރިއަށްވުރެ ހަތަރު ގުނަ އިތުރުވެގެންދާނެ ކަމަށެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޕޯޓުގެ ހުރިހާ ހިދުމަތްތަކެއް ތިލަފުށްޓަށް ބަދަލުކުރުމެވެ. މީގެއިތުރުން 2027 ވަނަ އަހަރުގެ ތެރޭގައި ޕޯޓުގެ ހުރިހާ އޮޕަރޭޝަންތަކެއް އެއްކޮށް ތިލަފުށްޓަށް ބަދަލުވެ، 2028 ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު އެއްކޮށް ނިންމާލުމަށް ވަނީ ކަނޑައަޅާފައެވެ.

މިވަގުތު ތިލަފުށީގައި ކުރިއަށްދަނީ އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ޑޮމެސްޓިކް މަގަތު ފާލަން (ކީވޯލް) ގެ މަސައްކަތެވެ. މި މަސައްކަތް ނިމި، މި ހިނގާ މަހުގެ ފަހުކޮޅު އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި މި މަޝްރޫއުގެ ތެރެއިން ބައެއް މަސައްކަތްތައް މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ގާއިމުކުރާ ސަރަހައްދަށް ވެސް ބަދަލުކުރެވޭނެއެވެ.

ރައީސްގެ މި ޒިޔާރަތުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އަދި ބައިނަލްއަގުވާމީ ކީވޯލްގެ މަސައްކަތްކުރާ ޗައިނާގެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.