މާތް ﷲ ހަނދުމަކުރުމަކީ ހަމައެކަނި މިސްކިތުގައި އިނދެގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ވެސް އަބަދުވެސް ދޫ މަތީގައި ޒިކުރު ބެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ "ގިނަގިނައިން ﷲ ހަނދުމަކުރުން" މި މައުޟޫއަށެވެ. ހުތުބާގައި ފާހަގަކުރި ގޮތުގައި، މާތް ﷲ ހަނދުމަކުރުމަކީ ހިތްތަކުގެ ދިރުމެވެ. އަދި އިންސާނާގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ދަތިތަކާއި ހާސްކަމަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ވެސް ގިނަގިނައިން ﷲ ހަނދުމަކުރުމެވެ.
ޒިކުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، އެކަލާނގެ ހަޒުރަތާ ކުއްތަންވުމަށް އޮތް އެންމެ ފަސޭހަ މަގަކީ ޒިކުރުކުރުން ކަމަށެވެ. އޭގެ ސަބަބުން ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ލިބި، ދިރިއުޅުމުގެ ބުރަތައް ފިލައިގެންދާނެ ކަމަށް ވެސް ބުންޏެވެ. އަދި މާތް ﷲ ހަނދުމަކުރުމަކީ ޝައިތާނާގެ ވަސްވާސްތަކާ އިންސާނާ ދުރުކޮށްދީ، މަރުވެފައިވާ ހިތްތަކަށް އަލުން ދިރުން ގެނެސްދޭ ކަމެއް ކަމުގައި ވެސް ހަނދާންކޮށްދިނެވެ.
މީގެއިތުރުން، ހިނގާފައި ދާއިރުއާއި، ދަތުރުފަތުރުގެ ވަގުތުތަކުގައާއި، މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާއިރު ވެސް ދޫ މަތީގައި ޒިކުރު ބެހެއްޓުމަށް ބާރުއެޅިއެވެ. ހަމައެއާއެކު، ހެނދުނާއި ހަވީރުގެ ދުއާތަކަށް ވަގުތު ހުސްކުރުމަށާއި، ފަރުޟު ނަމާދުތަކުގެ ފަހުގައި ކުރަން ކަނޑައެޅިފައިވާ ޒިކުރުތަކަށް ފަރުވާތެރިވުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ހުތުބާ ނިންމާލަމުން ފާހަގަކުރީ، ހަގީގީ ޒިކުރަކީ ހަމައެކަނި ދުލުން ކިޔާލާ ބަސްތަކެއް ނޫން ކަމަށާއި، އެއީ ހިތް ހާޒިރުކޮށްގެން ކިޔުމާއެކު ފާފަތަކުން ދުރުހެލިވެގެން ކުރެވޭ ކަމެއް ކަމުގައެވެ.
