އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައާއި އެނޫންވެސް އާންމު ތަންތަނުގައި އުޅޭ ބިދޭސީންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިންޒާރު ދީފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިފަހަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ މުޖުތަމައުގެ އާންމު ސުލޫކީ މިންގަނޑުތަކާ ހިލާފު، އަދި މުޖުތަމައުގެ އަމާންކަމާއި ސުލްހަމަސަލަސްކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެފަދަ ހާލަތެއް ކުރިމަތިވުމުގެ ކުރިން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހި މުޖުތަމައުގެ އަހުލާގީ އަދި އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ދިވެހި މުޖުތަމައުގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމުކޮށް، އާންމު ތަންތަނުގައި އުޅޭއިރު އެ މިންގަނޑުތައް ހިފެހެއްޓުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، ބިދޭސީން ބަލަހައްޓާ ފަރާތްތަކުން ވެސް، އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބޭ ބިދޭސީންގެ ކިބައިން މިފަދަ އަމަލުތައް ނުފެންނާނެ ގޮތަކަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ، ފަތުރުވެރިންނަށް ހާއްސަކޮށް ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި، އެނޫން އާންމު ތަންތަނާއި މަގުތަކުގައި ފަތުރުވެރިން އުޅޭއިރު ވެސް ދިވެހި ސަގާފަތަށް އިހުތިރާމުކޮށް، މިންގަނޑުތަކާ އެއްގޮތަށް ހެދުން އަޅުވަން ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. އަދި މި މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
