ސައިންސްވެރިން އަލަށް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ކޭމުގެ އާދަތަކަށް ބަދަލުުގަންނުވައިގެން ސިކުނޑި އެކަށީގެންވާ ވަރަށްވުރެ އަވަހަށް މުސްކުޅިވުމުން ރައްކާތެރިކޮށްދެވިދާނެއެވެ. "މައިންޑް ޑައިޓް" އަށް ގަވާއިދުން އަމަލުކުރާ މީހުންގެ ސިކުނޑި ކުޑަވުމާއި ގްރޭ މެޓާ މަދުވުން ލަސްކޮށްދޭކަން ބީއެމްޖޭ ގްރޫޕުން ޝާއިއުކުރި މި ދިރާސާއިން ވަނީ ހާމަވެފައެވެ. މި ކެއުމުގެ އާދަތައް ހިފަހައްޓާ މީހުންގެ ސިކުނޑި މުސްކުޅިވުން ގާތްގަނޑަކަށް 2.5 އަހަރަށް ލަސްކޮށްދޭކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ސިކުނޑީގެ ނާރުތަކާއި ސެލްތައް ރައްކާތެރިކުރުމުގައި ވަކި ހާއްސަ ކާނާގެ ބާވަތްތަކެއް މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން ބެރީގެ ބާވަތްތަކާއި ކުކުޅުމަސް ފަދަ ކާނާ ގަވާއިދުން ކެއުމުގައި ބޭނުންކުރާ މީހުންގެ ސިކުނޑިއަށް އެދެވޭ އަދި ސިއްހަތަށް ފައިދާހުރި ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މިއާ ހިލާފަށް، ފޮނިކާތަކެއްޗާއި ތެލުލާފައިހުންނަ ފާސްޓްފޫޑް ގިނައިން ކާ މީހުންގެ ސިކުނޑީގެ ސެލްތަކާއި ޓިޝޫތައް އަވަހަށް ހަލާކުވެ، ސިކުނޑި ކުޑަވުމުގެ ފުރުސަތު ބޮޑުވެއެވެ.

މައިންޑް ޑައިއަޓަކީ ހިތުގެ ސިއްހަތަށާއި ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް ބޭނުންކުރާ މެޑިޓަރޭނިއަން އަދި ޑޭޝް ޑައެޓް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ހާއްސަ ކެއުމުގެ އުސޫލެކެވެ. މި ކެއުމުގެ އާދައިގައި ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށް، ހަނދާންނެތޭ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްސް އާއި އެންޓި-އިންފްލެމޭޓަރީ މާއްދާތައް ގިނައިން އެކުލެވޭ ފަތްޕިލާވެއްޔާއި، މޭވާއާއި، ނަޓްސް އަދި މަހުގެ ބާވަތްތައް ހިމެނެއެވެ.

އުމުރުން ދުވަސްވަމުންދާއިރު ސިކުނޑީގެ ސިއްހަތު ހެޔޮގޮތުގައި ބެހެއްޓުމަށްޓަކައި ކެއުމުގެ އާދަތަކަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. ސިކުނޑިއަށް ގެއްލުންދޭ ފޮނި އަދި ތެލުލި ކާނާ މަދުކޮށް، މައިންޑް ޑައެޓްގައި ހިމެނޭ ފައިދާހުރި ކާނާގެ ބާވަތްތައް އިތުރުކުރުމަކީ ދިގު މުއްދަތެއްގައި ސިކުނޑީގެ ތޫނުފިލިކަން ދަމަހައްޓައި، އުމުރާއެކު ސިކުނޑިއަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.