އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފް މެޗުގައި މިރޭ ރާއްޖޭގެ ކްލަބު އީގަލްސް 1-0 އިން ބަލިކޮށް އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އިން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.
މިއީ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ބެންގަލޫރުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވި 8 ވަނަ މެޗެވެ. އޭގެތެރެއިން، ފުރަތަމަ ކުޅުނު ހަތް މެޗުން މޮޅުވެފައިވާއިރު، ދެން ކުޅެވުނު ތިން މެޗުން ވީ ބައްޔެވެ. މީގެތެރޭގައި، މިދިޔަ ސީޒަނުގެ މުބާރާތުގެ ޕްލޭއޮފް ބުރުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.
އީގަލްސް އިން މިރޭގެ މެޗަށް ނިކުތްއިރު މި ފަހަރުގެ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގެނައި އައު ކުޅުންތެރިންގެ ތެރެއިން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާޤް (ދަގަނޑޭ)ގެ އިތުރުން އެ ޓީމާ ގުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ)، ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އަދި އިސްމާއިލް އީސާ (މެސީ) ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ. ދަގަނޑޭ އަށް މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 26 ވަނަ މިނެޓުގައި ބެންގަލޫރަށް ކާމިޔާބުކޮށްދިނީ މޯހަން ބާގަންގެ ކުރީގެ މިޑްފީލްޑަރު ޖަޔޭޝް ރާނޭ އެވެ. އޭގެފަހުން، އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ސެންޓޭގެ އިތުރުން އަސްހަދު އަލީ (އަޑޭ) އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
މި މެޗު ކާމިޔާބުކޮށް ބެންގަލޫރުން ގްރޫޕް ޑީގެ ޖާގައެއް ކަށަވަރުކުރިއިރު، އެ ޓީމުން ވާދަކުރާނީ އިންޑިއާގެ އޭޓީކޭ މޯހަން ބާގަން އާއި މާޒިޔާގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާ އެވެ. މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ކްލަބުތައް ވާދަކުރާ މެޗުތައް މި އޮގަސްޓް މަހުގެ 18 އިން 24 ގެ ނިޔަލަށް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.
