ފަހަކަށް އައިސް މާލޭގެ މަގުތަކަށް އުކާލާފައި ހުރި 20 އެމެރިކާ ޑޮލަރުގެ ކޮޕީ ނޫޓުތަކަކީ، ރާއްޖޭގެ މަޝްހޫރު ހަތަރު ސްޓޫޑިއޯއެއް ގުޅިގެން ނެރެން ތައްޔާރުވާ އާ ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްކަން ހާމަވެއްޖެ އެވެ.

ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ދުވަސްވަރެއްގައި މިގޮތަށް މަގުމަތިން 20 ޑޮލަރުގެ ނޫޓުތައް ފެނުމުން، އާންމުންގެ ތެރޭގައި އެކަމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވުނެވެ. އެގޮތުން މިއީ ސިޔާސީ އެއްވުމަކަށް ނުވަތަ މުޒާހަރާއަކަށް ގޮވާލައި ބަޔަކު ހިންގި ހަރަކާތެއް ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، އެ ކަރުދާސްތަކުގެ ހަގީގަތް ހޯދައި ބެލުމުން އެނގުނީ މިއީ އާ ފިލްމެއްގެ ނަން އިއުލާނު ކުރުމަށް ކުރި ކަމެއް ކަމެވެ.

މި ފިލްމަކީ ސްލޭމް ސްޓޫޑިއޯ، ސެޓާން ސްޓޫޑިއޯ، ނޫރު އެން މޫވީސް އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ އުފެއްދުމެކެވެ. ތަޖުރިބާކާރު ޑައިރެކްޓަރު އީސާ ޝަރީފު ޑައިރެކްޓްކުރާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އަސްލަމް ރަޝީދެވެ. އަދި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތް ކުރަނީ ހުސައިން ނޫރައްދީން، އަލީ ޝާނިޒް އަދި ކިޑް ޕްރޮޑަކްޝަންގެ ހުސައިން މުނައްވަރު (ކިޑު) އެވެ.

މި ހަރަކާތާ ގުޅޭގޮތުން ފިލްމު އުފެއްދުމުގައި ބައިވެރިވާ ކިޑް ޕްރޮޑަކްޝަންގެ ވެރިޔާ ހުސައިން މުނައްވަރު ބުނީ މިއީ އެ ފަރާތްތަކުން ގެނެސްދޭ އާ ފިލްމުގެ ނަން އާންމުންނަށް ހާމަކުރުމަށް ކުރިއަށްގެންދިޔަ ކަމެއް ކަމަށެވެ. އަދި ފިލްމަށް ކިޔާ ނަމަކީ "ކީއްވެ؟" ކަމަށްވެސް އޭނާ ބުންޏެވެ.

ވަރުގަދަ ހަތަރު ސްޓޫޑިއޯއެއް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ. ނަމަވެސް ފިލްމުގެ ވާހަކައާ ގުޅޭ މާ ބޮޑު ތަފުސީލެއް ފިލްމުގެ ޓީމުން އަދި ހާމައެއް ނުކުރެ އެވެ.

ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ތަފާތު ޕްރޮމޯޝަނާއެކު އިއުލާނުކުރި "ކީއްވެ؟" ބެލުންތެރިންނާ ހަމައަށް ގެނައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގަ އެވެ.