ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށާއި، ދޮގު މައުލޫމާތާއި ފިތުނަފަސާދައަށް މަގުފަހިވާ ކަންކަމުން އެއްކިބާވެ މަސައްކަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ. އެ ކޮމިޝަނުން މިކަމަށް އިލްތިމާސްކުރީ ރާއްޖޭގެ ގައުމީ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ.

އެމްއެމްބީސީގެ ބަޔާނުގައި ބުނީ ބްރޯޑްކާސްޓިން ހިދުމަތަކީ އިޖުތިމާއީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ނުފޫޒުގަދަ އެއް ވަސީލަތް ކަމަށެވެ. އަދި އިސްލާމީ ރީތި އަހުލާގާއި ދިވެހި ގައުމިއްޔަތާއި ސަގާފަތް ދަމަހައްޓައި، އިތުބާރުހުރި މައުލޫމާތު މުޖުތަމައަށް ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން އަދާކުރަނީ އަގުހުރި ގައުމީ ހިދުމަތެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ދުވަހުގެ ތަހުނިޔާ ފޮނުވަމުން އެ ކޮމިޝަނުން ވަނީ، ކޮންމެ ހާލަތެއްގައިވެސް ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ގޮވާލައިފަ އެވެ. ހަމައެއާއެކު މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކޮމިޝަން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދީފައިވެ އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ތާރީހަށް އަލިއަޅުވާލަމުން ކޮމިޝަނުން ބުނީ، މި ހިދުމަތް އެންމެ ފުރަތަމަ ފެށުނީ 29 ޑިސެމްބަރު 1962 ގައި "މާލެ ރޭޑިއޯ" ގެ ނަމުގައި ކަމަށެވެ. އޭގެ ފަހުން އެކި ނަންނަމުގައި ހިދުމަތް ކުރިއަށްގޮސް، 1980 ގައި "ދިވެހިރާއްޖޭގެ އަޑު" ގެ ނަމަށް ބަދަލުވި އިރު، 1978 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގެ ހިދުމަތް ވަނީ ފަށައިފަ އެވެ. އަދި 2007 ގައި އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި، 2010 ގައި ގާނޫނީ އޮނިގަނޑެއް އެކުލަވާލެވުނު ކަމަށް ބުންޏެވެ.

މީގެ އިތުރުން 18 ސެޕްޓެމްބަރު 2025 ގައި ތަސްދީގުކުރެވުނު މީޑިއާ އަދި ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނާއެކު މި ދާއިރާ ވަނީ އާ ހަރުފަތަކަށް ވާސިލުވެފަ އެވެ. އެމްއެމްބީސީން ހާމަކުރި ގޮތުގައި މިވަގުތު ރާއްޖޭގައި 37 ބްރޯޑްކާސްޓަރުންނާއި 29 ރީބްރޯޑްކާސްޓަރުން އަންނަނީ އާންމުންނަށް ހިދުމަތް ދެމުންނެވެ.