މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި "ޕްރޮޖެކްޓް ބައުކާލޯ" ގެ ނަމުގައި ގައުމީ ފެންވަރުގެ މަޝްރޫއެއް މިއަދު ހުޅުމާލޭގައި އިފްތިތާހުކޮށްފި އެވެ. މި މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީ އާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތައް އަދި ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.

މި މަޝްރޫއުގެ ފުރަތަމަ މަރުހަލާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހުޅުމާލޭގައި ފަށާފައިވާއިރު، މައިގަނޑު ބޭނުމަކީ މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ފަދަ ނަމޫނާ ނިޒާމެއް ގާއިމުކުރުމެވެ. މި މަޝްރޫއުގެ ދަށުން ބުޅަލުގެ ވެލްފެއާ އާއި، ސާފުތާހިރުކަން ދެމެހެއްޓުމުގެ އިތުރުން، އިންސާނީ އުސޫލުތަކާ އެއްގޮތަށް ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް، އިންސާނުންނާއި ބުޅާ އެކުވެރިކަމާއެކު އުޅެވޭނެ ރައްކާތެރި މާހައުލެއް ބިނާކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ. "ބައޯކަލޯ" މި ނަމަކީ ކުރިން ބިރުވެރިކަމާ ގުޅުވައިގެން ބޭނުންކުރި ނަމެއް ނަމަވެސް، މި މަޝްރޫއާއެކު އެ ނަން ބަދަލުވެގެން ދަނީ އޯގާތެރިކަމާއި ރައްކާތެރިކަމުގެ ރަމްޒަކަށެވެ.

ހުޅުމާލޭގައި ފެށި މި މަސައްކަތުގެ ތެރެއިން "ޓްރެޕް-ނިއުޓާ-ރިޓާން" (ޓީއެންއާރު) މޮޑެލް ބޭނުންކޮށްގެން ބުޅާ ދަރިމައިވުން ހުއްޓުވުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ އެވެ. މީގެ އިތުރުން، ބުޅާތަކަށް ބޭނުންވާ ވެޓެރިނަރީ ފަރުވާ ދިނުމާއި، ޒިންމާދާރު ގޮތެއްގައި ކާނާ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ބުޅާ އެޑޮޕްޓްކުރުމަށް ހިތްވަރު ދިނުމުގެ އިތުރުން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖަނަވާރުންގެ ހިމާޔަތަކީ މި ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ކަމެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވަނީ މަގުމަތީގައި އުޅޭ ޖަނަވާރުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި މަޖިލީހުން ފާސްކުރި "ޖަނަވާރުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ގާނޫނު" 3 ޑިސެމްބަރު 2025 ގައި ރައީސް ވަނީ ތަސްދީގުކުރައްވާފަ އެވެ.

މި މަޝްރޫއު އެކުލެވިގެންވަނީ ކޮންޓްރޯލް، އަޅާލުން، ސާފުތާހިރުކަން، ކޯ-އެގްޒިސްޓް، ކޮމްޕެޝަން އަދި ކެޕޭސިޓީ މި ހަ އަސާސެއްގެ މައްޗަށެވެ. މި މަސައްކަތުގައި ފިޝަރީޒް މިނިސްޓްރީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، އަމިއްލަ ޖަމިއްޔާތަކާއި، ވެޓެރިނަރީ ކްލިނިކްތަކުގެ އިތުރުން ސްކައުޓާއި ގާލް ގައިޑް އަދި ދައުލަތުގެ މީޑިއާ އިން ބައިވެރިވެ އެވެ. އަދި މި އަހަރުގެ ތެރޭގައި "ކެޓް ސޭފް ޕާކް" ތައް ގާއިމުކުރުން ފަދަ އަމަލީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ފަހު، މި މަޝްރޫއުގެ ކާމިޔާބީތައް ދައްކާލުމަށް 4 އޮކްޓޯބަރު 2027 ގައި ދުނިޔޭގެ ޖަނަވާރުންގެ ދުވަހާ ގުޅުވައިގެން ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ރާވާފަ އެވެ.