މެލޭޝިއާގައި ކިޔަވަން ހުރި އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 21 އަހަރުގެ ދިވެހި އަންހެން ދަރިވަރަކު، ކާރެއް އެކްސިޑެންޓުވެ ދާދި ދެންމެއަކު ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ދަރިވަރު މޯލަކުން ވިޔަފާރިކޮށް ނިންމާލުމަށް ފަހު، އެނބުރި ގެއަށް ދިޔަ މަގުމަތީގަ އެވެ. އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި އިތުރު ދިވެހި ދަރިވަރަކު ވެސް އިނެވެ.

މި ހިތާމަވެރި ހާދިސާގައި ހިތަދޫގެ ޒުވާން ދަރިވަރު ނިޔާވި ނަމަވެސް، ކާރުގައި ދެން އިން ދަރިވަރު ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފަ އެވެ. މި ހާދިސާއާ ގުޅިގެން މެލޭޝިއާގައި ތިބި ދިވެހި ދަރިވަރުންގެ މުޖުތަމައަށް ވަނީ ފުން ހިތާމައެއް ވެރިވެފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނައިރު، ނިޔާވި ދަރިވަރުގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރެވެމުންނެވެ.